ޅ. ނައިފަރުގައި ހަދަމުންދާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރު ނިންމާލެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަސީމު ވިދާޅުވީ ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންނާއި އެ މަސައްކަތް ނިމޭނެއިރެއް އޮޅުންފިލުއްވުމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ނަސީމު ވިދާޅުވީ ނައިފަރުގައި ހަދަމުންދާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް ބަލާއިރު މިއަހަރުގެ ފަހުކޮޅު އެ މަސައްކަތް ނިންލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އެ ހޮސްޕޓަލްގެ މަސައްކަތް ކުރިއަށްދާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ ބަޖެޓްގެ ތެރެއިން ކުރަންޖެހޭ ބައެއް ހަރަދުތައް ހުރި ގޮތުން ބައެއް ކަހަލަ ލަސްތައް އެބައުޅޭ ކަމަށެވެ.
ނަސީމު ވިދާޅުވީ ނައިފަރު ހޮސްޕިޓަލުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އެކި ދާއިރާތަކުން ބޭނުންވާ ޑޮކްޓަރުން ނައިފަރަށް ފޮނުވުމުގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ޅ. އަތޮޅު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދެކެވެ.