މޯލްޑިވްސް ޕޮލިސް ސާވިސް

އަމިއްލައަށް ޖިންސީ ގުނަވަން ބުރިކޮށްލި މީހާ މަރުވެއްޖެ

Jul 4, 2022

އަމިއްލައަށް ޖިންސީ ގުނަވަން ބުރިކޮށްލި މީހާ މަރުވެއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ އިރާކޮޅުގެ ވަގުތެއްގައި މަރުވެފައިވަނީ އުމުރުން 31 ބިދޭސީ ފިރިހެނެކެވެ.

މަރުވި މީހަކީ އަމިއްލައަށް ޖިންސީ ގުނަވަން ބުރިކޮށްލި މީހާ ކަމަކަށް ފުލުހުން ނުބުނެ އެވެ. އެކަމަކު އަވަސް އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އެމީހާ އެވެ.

ފުލުހުން މިއަދު ބުނީ އަމިއްލަ ގައިގެ އެކިތަންތަނަށް ވަޅިހެރި ބިދޭސީއަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.

އަމިއްލަ ގައިގެ އެކި ތަންތަނަށް އަމިއްލައަށް ވަޅި ހަރައިގެން އަނިޔާވި މީހެއް ކަމަށް ބުނެ މި މީހާގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ ވެސް ފުލުހުންގެ އެހީތެރިކަމާ އެކު އެވެ.

ފުލުހުން ބުނީ މަރުވި މީހާއަށް އިތުރު މީހަކު އެއްވެސް ހަމަލާއެއްދީ މިކަމުގައި ބައިވެރިވި ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.