ގާސިމް އިބްރާހިމް

ޔާމީން ޖަލަށް، ގާސިމް ވެރިކަމަށް އަންނަން ހުޅުވާ ދޮރެއް

Jul 6, 2022
30

ޔާމީނު ޖަލަށްލުމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެރިކަމަށް އައުމަށް ހުޅުވޭ ފަހި ދޮރެކޭ ބުނުމުން ބައެއް ބޭފުޅުންގެ ހިތްޕުޅަށް އަންނާނެ ސުވާލަކީ އެއީ ކިހިނެއް ވާނެ ކަމެއްބާ އެވެ. އިއްޔެ ވެސް އަދި މިއަދު ގެވެސް ސިޔާސީ ހަގީގަތަކީ ދިވެހިރާއްޖޭގައި އެމްޑީޕީ، ޕީޕީއެމް ޖަހާލަފަ އެރޭނެ ވަރުގެ އެހެން ޕާޓީއެއް ނެތްކަމެވެ. އެހެންކަމުން މި ދެ ޕާޓީ މި ގޮތުގައި އޮތްހާ ހިނދަކު ތިންވަނަ ޕާޓީއަކަށް ވެރިކަމަށް އައުމަކީ ނާދިރު ކަމެކެވެ.

މިހާރު ފެންނަ މަންޒަރުން ޔަގީނުން ވެސް 2023 ގައި އެމްޑީޕީން ކެންޑިޑޭޓަކު ނުކުންނާނެ އެވެ. އެމްޑީޕީގެ ކެންޑިޑޭޓަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހައް ވުމުގެ ފުރުސަތު ބޮޑެވެ. ދެން އޮތީ ޕީޕީއެމް އެވެ. އެކަމަކު ޕީޕީއެމްގެ ހާލަތު ތަފާތެވެ. ޕީޕީއެމްގެ ހުރިހާ މެންބަރުން އިއްތިފާގުވާ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ވެރިކަމަށް ކުރިމަތި ލެވެން އޮތީ ކޯޓުގައި މިހާރު ހިންގަމުންދާ މައްސަލައިން ބަރީއަ ވެގެންނެވެ. ބައެއް މީހުންގެ ނަޒަރުގައި މިފަހަރު ރައީސް ޔާމީނު "މަޅީގައި" ޖެހޭނެ އެވެ. އެހެންކަމުން މިހާރު ހިންގަމުންދާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ހުކުމެއް އަންނާނެ ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.

ރައީސް ޔާމީނުގެ މައްޗަށް ހުކުމެއް އަންނަ ހިސާބުން ރިޔާސީ އިންތިހާބުގެ ދޮރު ރައީސް ޔާމީނައް ބަންދުވީ އެވެ. ދެން އޮންނާނީ ރައީސް ޔާމީނު "ނުހައްގުން ޖަލަށް" ލުމުން ޕީޕީއެމް އިން ރިޔާސީ އިންތިހާބު ބޯއިކޮޓް ކުރާނީތޯ ނޫނީ އިންތިހާބުގައި ވާދަކުރާނީތޯ ނޫނީ ކޯލިޝަން ޕާޓީއަކަށް ތާއީދު ކުރާނީތޯ ނިންމުމެވެ. އެކަމަކު އެ ނިންމުމަކީ އަދި މާ ފަހުގެ ބަހުސެކެވެ.

ރައީސް ޔާމީނަށް ޖަލު ހުކުމެއް އަންނަ ހިސާބުން ޕީޕީއެމް ތެރެއަށް ވަރަށް ބޮޑު ހުސްކަމެއް އަންނާނެ އެވެ. އަމުދުން ރާއްޖޭގެ ސިޔާސީ މަސްރަހުން އެ ހުސްކަން މާބޮޑަށް ފެންނާނެއެވެ. އެހެންކަމުން އެ ހުސްވާ ތަން ފުރާލެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް "ތައްޔާރު" ކަމަށް ވިދާޅުވާ މަންޒަރު އެބަފެނެ އެވެ.

ރައީސް ޔާމީން މިއަދު އެކުރައްވާ މަސައްކަތަކީ ހަމައެކަނި ޖަލުން މިނިވަންވާން ކުރައްވާ މަސައްކަތެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އެކުރައްވާ މަސައްކަތަކީ އަލުން ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތެވެ. އެހެންކަމުން 2023 ގައި ރައީސް ޔާމީން އަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލި ޕީޕީއެމްއިން އެހެން ކެނޑިޑޭޓަކު ނުކުމެއްޖެނަމަ ދެން އަލުން އަނބުރާ ރައީސް ޔާމީން ވެރިކަމައް ވަޑައިގަތުމުގެ ފުރުސަތު ތާއަބަދަށް ބަންދުވުމަކީ އެކަށީގެންވާ ކަމެކެވެ. ރައީސް ނަޝީދަށް 2018 ވަނަ އަހަރު އެ "ޅައެތި" އެވަނީ އެޅުއްވި ފައެވެ. އޭގެ ނަތީޖާވެސް ދިރި ތިބީންނަށް މިއަދު މިދަނީ ފެންނަމުންނެވެ.

ސުވާލަކީ ރައީސް ޔާމީން، ރައީސް ނަޝީދު ހެއްދެވި ގޯސް އަލުން ތަކުރާރު ކުރައްވާނެ ހެއްޔެވެ. ރައީސް ޔާމީން ނެތް އިރެއްގައި ޕީޕީއެމްގެ ލަގަން އެހެން ފަރާތަކަށް ދޫކޮށް ލައްވާނެ ހެއްޔެވެ. ޕީޕީއެމްގެ އެތެރޭގެ ޕްރައިމަރީއެއް ބައްވާ ރިޔާސީ ކެންޑިޑޭޓަކު އިންތިހާބު ކުރާނެ ހެއްޔެވެ. އެހެން ޕްރައިމަރީއެއް ބައްވައިފިނަމަ އެ އިންތިހާބު ކާމިޔާބު ކުރާނީ ކޮންބޭފުޅެއްތޯ އެވެ. އެ ކާމިޔާބު ކުރައްވާ ބޭފުޅާގެ މައްޗަށް ރައީސް ޔާމީނުގެ ކޮންޓްރޯލް އޮންނާނީ ކިހާ ވަރަކަށްތޯ އެވެ. މިއީ ހުސްވެސް އުފެދޭ ސުވާލެވެ.

2018 ވަނަ އަހަރު ރައީސް ނަޝީދު ބޭނުންފުޅުވީ އެމަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ނުކުރެއްވޭނަމަ އެ ޕާޓީން ކޯލިޝަން ކެންޑިޑޭޓަކަށް ތާއީދު ކުރާށެވެ. ރައީސް ނަޝީދު އެކަން އެގޮތުގައި ދަމަހައްޓަވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވި އެވެ. އޭގެ ބޭނުމަކީ ވެރިކަމުގެ ރަހަ ލައިފިނަމަ އެމަސްތު ފިލުވާލުމަކީ މާ އުނދަގޫ ކަމެއްކަން ހުދު ރައީސް ނަޝީދަށް މާބޮޑަށް އެނގިވަޑައިފެންފައި އޮތުމެވެ.

އެހެންކަމުން މިހާރު މިފެންނަ ހަގީގަތްތަތައް ތަމްސީލު ވަމުންދާ ގޮތުން އަދި ރައީސް ނަޝީދު ހެއްދެވި ގޯހުން އިބްރަތު ހަސިލްކޮށް ޕީޕީއެމް ޕްރައިމަރީން އަންނަ ކެންޑިޑޭޓަކަށް ރައީސް ކަމުގެ ދޮރު ހުޅުވާލައިފިނަމަ ރައީސް ނަޝީދު މިއަދު އެހުރި މަގާމުގައި މާދަން ރައީސް ޔާމީން ހުރުމަކީ ދުރުކަމެއް ނޫނެވެ. ފެންނަން ހުރި ކަންކަމަށް ރިޔާއަތްކޮށް ޔާމީންއަށް އިންތިހާބަށް ކުރިމަތި ނުލެއްވޭ ހާލަތެއް މެދުވެރި ވެއްޖެނަމަ ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމްއިން ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އަށް ތާއީދު ކުރުމަކީ ދުރުކަމެއް ނޫނެވެ. އަދި ރައީސް ސޯލިހާއި ފޭވެ އަދާލަތުން ގާސިމާއި ބައިއަތު ހިފުމަކީވެސް ނުވުމަށްވުރެ ވުން ގާތް ކަމެކެވެ.

މިހާލަތުގައި ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ގާސިމް ކޯލީޝަން ކެންޑިޑޭޓަކަށް އެންޑޯޒް ކުރުންވެސް އެކަށީގެންވެ އެވެ. ރައީސް ނަޝީދަކަށް މިވަގުތު ޗޮއިސް އެއް ނެތެވެ. ރައީސް ނަޝީދަށް އޮތީ ކޮންމެވެސް އެއް ގޮތެއް އިހްތިޔާރު ކުރެއްވުވެ. އެއްކޮޅުގައި ހުރީ ޒަމާންވީ ގާތް ރަހުމަތްތެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަނެއްކޮޅުގައި ހުރީ ސިޔާސީ ކޮންމެ ހަލަބޮލިކަމެއްގަ އިދިކޮޅުގެ މަދަދުގާރެއްގެ ގޮތުގައި ހުންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

ގާސިމަކީ ދިވެހި ސިޔާސީ މައިދާނަށް ވަރަށް ފަރިތަ ބޭފުޅެކެވެ. ސިޔާސީ ގޮތުން ހަރަކާތްތެރިވާ އެމީހާ އާއި މި މީހާ އެނގިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެމީހާއަށް ދޭންޖެހޭ ވެކްސިންވެސް އެންގިވަޑައި ގަންނަވާނެ އެވެ. މި މިހާއަށް ދައްކަންވީ ޖާދޫ ވެސް އެގިވަޑައިގެން ހުންނެވި ތަޖްރިބާކާރު ބޭފުޅެކެވެ. އެހެންކަމުން މިހާރު އެމަނިކުފާނު އެންމެ ބާރަށް ކުރައްވަންޖެހޭ ކަންތައް މާބޮޑަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ. އެއީ ދައުލަތަށާއި ސަރުކާރަށް ކުރެވުނު ޕްރެޝަރެއް ކޮށްގެން ރައީސް ޔާމީނު ޖަލަށް ލާނެކަމުގެ ޔަގީންކަން ހޯދުމެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނެވީ "ތައްޔާރު" ވެގެންނެވެ. އެކަމަކު ގާސިމް ކިތަންމެ ތައްޔާރަށް ހުންނެވި ނަމަވެސް ގާސިމްއަށް އެ ފުރުސަތު ފަހިވަނީ ރައީސް ޔާމީނު ޖަލަށް ލައިގެންނެވެ.