އިމިގްރޭޝަން

މިރޭ 12 ޖަހަންދެން ޕާސްޕޯޓް ދޫކުރާނެ: އިމިގްރޭޝަން

Jul 7, 2022

ޕާސްޕޯޓް ހެއްދުމަށް ގިނަ ބަޔަކު އެދިފައިވާތީ އާއި އީދު ޗުއްޓީގެ ބަންދު ދުވަސްތައް ކުރިމަތީގައި އޮތުމުން މިރޭ 12:00 ޖަހަންދެން ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕާސްޕޯޓުގެ މައުލޫމާތު ކަށަވަރުކޮށް ނިންމުމަށްފަހު މިއަދު ހެނދުނު 10:00 ޖެހުމާ ހަމައަށް ފައިސާ ދައްކާފައިވާ މީހުންނަށް މިރޭ 12ގެ ކުރިން ޕާސްޕޯޓް ލިބޭނެ ކަމަށެވެ.

ޕާސްޕޯޓް ދޫކުރާ މީހުންނަށް އެސްއެމްއެސް އަކުން ޕާސްޕޯޓް ނަގަން ހާޒިރުވާންވީ ގަޑި އަންގާނެ ކަމަށާއި އެ ވަގުތަށް ޕާސްޕޯޓް ނެގުމަށް ސަމާލުވުމަށްވެސް އިމިގްރޭޝަނުން އެދިފައިވެ އެވެ.

ޕާސްޕޯޓް ނެގުމަށް އިމިގްރޭޝަނުން ކުރީ ދުވަހަކު ދޫކޮށްފައިވާ ނަންބަރުން ޕާސްޕޯޓް ނެގިފައި ނެތް ނަމަ މިއަދު މެންދުރުފަހު 3:00ގެ ކުރިން ކިއުބީ މެދުވެރިކޮށް އަލުން ނަންބަރު ނެގުމަށްފަހު ޕާސްޕޯޓް ނެގުމަށްވެސް ހަނދާންކޮށްދީފައިވެ އެވެ.

މިދުވަސްވަރަކީ ސްކޫލުތަކުގެ ބޮޑު ޗުއްޓީއާއި އީދު ބަންދުގެ ދުވަސްތައް ފެށޭ ދުވަސްވަރު ކަމަށްވާތީ ޕާސްޕޯޓް ހެއްދުމަށް ވަރަށް ގިނަ ބަޔަކު އެއްފަހަރާ ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އެހެންވެ މިހާރު ދުވާލަކު ގާތްގަނޑަކަށް 800 ޕާސްޕޯޓް ހައްދަންޖެހޭ ކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ.

ޕާސްޕޯޓް ހެއްދުމަށް އެތައް ބަޔަކު ކިޔުގައި ޖެހިފައިވާތީ އިމިގްރޭޝަންގެ މަސައްކަތްތައް މިހާރު ރޭގަނޑު 9:30އާ ހަމައަށް ކުރިއަށް ގެންދެ އެވެ.