ހަބަރު

ކޮމަންޑޫ މާވަހަރު 13.9 މިލިއަން ރުފިޔާއަށް ވިއްކާލަނީ

މިދިޔަ ޑީސެމްބަރު މަހު ށ. ކޮމަންޑޫގައި ހޮވި މާވަހަރު 13.9 މިލިއަން ރުފިޔާއަށް ވިއްކާލަން ނިންމާފައިވާ ކަމަށް މާވަހަރު ހޮވި ކޮމަންޑޫ، ވާދީ އަބްދުއްރަހީމް ހަސަން ބުނެފި އެވެ.

އަބްދުއްރަހީމް އަވަސް އަށް ބުނީ 30 ކިލޯގެ އެ މާވަހަރު ގަތުމަށް މިދިޔަ ހަފްތާގާއި އެރަށަށް ދިޔަ ދުބާއީ މީހުންނަށް 30 ޑޮލަރަށް ގްރާމެއްގެ މަގުން ވިއްކާލުމަށް މިހާރު ކޮންޓްރެކްޓް ހަދާފައިވާ ކަމަށެވެ. އަބްދުއްރަހީމް ހޮވާފައިވަނީ މާވަހަރުގެ އެންމެ އަގުބޮޑު ބާވަތް ކަމުގައިވާ ހުދަންބަރު މާވަހަރެކެވެ.

އަބްދުއްރަހީމް ބުނި ގޮތުގައި މާވަހަރު ވިއްކާލައިގެން ކުރާނެ ކަމެއް އަދި ނުނިންމަ އެވެ. މީގެ ކުރިން އޭނާ ވަނީ ދެ މާވަހަރު ހޮވައިފަ އެވެ. މީގެ 30 އަހަރު ކުރިން ހޮވި މާވަހަރު އޭރު ވިއްކާލީ 7،000ރ. އަށެވެ. މިފަހަކަށް އައިސް އަނެއްކާ ވެސް އަންނަނީ މާވަހަރު ހޮވަމުންނެވެ.

އެގޮތުން އދ. ހަންޏާ މީދޫ ކައުންސިލަރަކު ވެސް ވަނީ މާވަހަރެއް ހޮވައިފަ އެވެ.