މޯލްޑިވްސް މީޑިއާ ކައުންސިލް

ދިވެހި ނޫސްވެރިން ތަމްރީންކުރަން ޖަޕާންގެ އެހީ ހޯދަން މަޝްވަރާކޮށްފި

Aug 11, 2022

ދިވެހި ނޫސްވެރިން ތަމްރީންކުރުމަށް ޖަޕާން ސަރުކާރުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިކަމުގެ މަޝްވަރާ ކުރިއަށް ގެންދިޔައީ ރާއްޖޭގައި ހުންނަވާ ޖަޕާން ސަފީރު ޓަކެއުޗީ މިޑޯރީއާ އެކު އެވެ.

އެމްއެމްސީގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެމްއެމްސީގެ ރައީސް މުހައްމަދު ޝަފާއު އާއި ކައުންސިލްގެ މެމްބަރުން ކަމުގައިވާ އިބްރާހިމް ފައުޒީއާއި، އަލީ ހުސައިންގެ އިތުރުން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރެވެ.

އެމްއެމްސީ ނެރުނު ބަޔާނެއްގައި ބުނީ މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ޖަޕާނަށް ދިވެހި ނޫސްވެރިން ފީލްޑް ޓްރިޕަށް ފޮނުވުމަށާއި އެމްއީއެކްސްޓީ ސްކޮލާޝިޕް ޕްރޮގްރާމުތަކެއް ނޫސްވެރިންނަށް ހޯދައިދިނުމުގެ އިތުރުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ.

ޖަޕާންގައި ތައުލީމީ ހިދުމަތްދޭ މުއައްސަސާތައް މެދުވެރިކޮށް ދިވެހި ނޫސްވެރިންނަށް ތަމްރީންގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ޖަޕާން ސަފީރު ދެއްވެވި ކަމަށް ވެސް އެމްއެމްސީން ބުނެފައިވެ އެވެ.