ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުޅިވަރަށް ފަހިގޮތްތައް ހޯދައިދޭނަން: ރައީސް

Aug 15, 2022

ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މިހާރަށްވުރެ އިތުރު ފަހިގޮތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތުރުކީގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް (އައިއެސްޖީ)ގައި ވާދަކުރި ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. އައިއެސްޖީގައި ވާދަކުރި ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ވަނީ އެ މުބާރާތުގައި ބްރައުންޒް މެޑަލް ހާސިލްކޮށްފަ އެވެ.

މިރަސްމިއްޔާތުގައި ރައީސް ސޯލިހް ވަނީ ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ ކުޅިވަރުތަކަށް އިތުރު ފުރުސަތުތައް ހޯދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އައިއެސްޖީގައި ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއީ ކުޅިވަރުގެ މައިދާނުގައި ރާއްޖޭގެ ނަން، ރަން އަކުރުން ފެވިގެންދާނެ ކާމިޔާބީއެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިން ރާއްޖެއަށް ގިނަ ކާމިޔާބީތައް ހާސިލް ކުރެވެމުން ދިޔައީ ސަރަޙައްދީ މުބާރާތްތަކުން ކަމުގައި ވީނަމަވެސް މިފަހަރުގެ މި ކާމިޔާބީއާއެކު ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް މިއަށްވުރެ މާބޮޑެތި ކާމިޔާބީތައް ވެސް ހޯދިދާނެކަމުގެ އިތުބާރާއި ޔަގީންކަން މިހާރު ލިބިއްޖެ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ހުރިހާ ކުޅިވަރެއްވެސް ތަރައްގީކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

"މިކަންކަން މުޅި ރާއްޖެއަށް ފުޅާކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ކުދިންގެ ހުނަރު އިތުރަށް ތަރައްގީކޮށް، މުބާރާތްތަކުގައި ބައިވެރިވޭނެ ފުރުސަތުތައް އިތުރުކޮށްދިނުމަށް އަދިވެސް އިތުރަށް މަސައްކަތްވެސް ކުރަންޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެތުލީޓުން ބޭރުގެ އެކި ކުޅިވަރު މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމުން ކުޅިވަރުގެ ދާއިރާއަށް އެލިބޭ ކުރިއެރުންތަކާއެކު އެއީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އިތުރަށް މަޝްހޫރުވެ ރާއްޖޭގެ މަގުބޫލުކަން އިތުރުވެގެންދިއުން ފަދަ އެތައް ފައިދާތަކެއް ލިބޭ ކަމެއް ކަމަށެވެ.

އައިއެސްޖީ 2021ގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބޭއްވި ރަސްމއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމާއި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ކުޅުންތެރިންގެ ބެލެނިވެރި ބައިވެރިވެފައިވެ އެވެ.