ޖޫނިއާ ޓެނިސް ކުޅުންތެރިން އެކި މުބާރާތްތަކުގައި ދައްކަމުންދާ މޮޅު ކުޅުން ފާހަގަކުރައްވާ އެ ކުޅުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހިތްވަރު ދެއްވައިފި އެވެ.
ރައީސް ސޯލިހް މިއަދު ވަނީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި ޖޫނިއާ ބައެއް ޓެނިސް ކުޅުންތެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖޫނިއާ ޓެނިސް ކުޅުންތެރިން އެކިއެކި މުބާރާތްތަކުގައި ދައްކަމުންދާ މޮޅު ކުޅުން ފާހަގަކުރައްވާފައެވެ.
އަދި އެ މުބާރާތްތަކުގައި ކުޅުންތެރިން ހޯދާފައިވާ ފަހުރުވެރި ވަނަތަކަށްޓަކައި އެ މަނިކުފާނު ވަނީ އެ ކުޅުންތެރިންނަށް މަރުހަބާ ދަންނަވާ، އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ކުޅުންތެރިން މިހާ ޅައުމުރެއްގައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދީ މިފަދަ މަތީ ވަނަތަކަށް ވާސިލްވުމުގައި އެ ކުޅުންތެރިންގެ މައިންބަފައިން އަދާކުރައްވާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލައްވާ، އެކަމަށްޓަކައި ބެލެނިވެރިންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރެއްވި އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސް ބޭފުޅުން ވަނީ ރާއްޖޭގައި ޓެނިސް ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ހުރަސްތައް ރައީސްގެ ސަމާލު ކަަމަށް ގެންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓެނިސް އެސޯސިއޭޝަނަށާއި ޓެނިސް ކުޅޭ ކުޅުންތެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.