ހުޅުމާލެ

ހުޅުމާލެއިން 74 ބިން ވިއްކާލަނީ

Aug 18, 2022
1

ހުޅުމާލެއިން އިތުރު 74 ބިމެއް ވިއްކާލުމަށް އެޗްޑީސީން އިއުލާންކޮށްފި އެވެ.

ދިރިއުޅުމުގެ ބޭނުމަށް އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1،095.05 އަކަފޫޓާއި 2،588.14 އަކާފޫޓާ ދެމެދުގެ ބިންތަކެކެވެ.

ބިން ވިއްކަނީ ހުޅުމާލޭގެ ކޮން ސަރަހައްދަކުން ކަމެއް އެޗްޑީސީގެ އިއުލާންގައި ފާހަގަކޮށްފައެއް ނުވެ އެވެ. އެކަމަކު ބީޗް ސައިޑުން 52 ބިމަކާއި ބީޗު ފްރަންޓުން 22 ބިން ވިއްކާނެ ކަމަށް ބުނެފައިވެ އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާ ހުށަހަޅަންޖެހެ އެވެ.

ބީޗު ފްރަންޓުގެ ބިންތަކަށް ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 6،500 ރުފިޔާ އެވެ. ބީޗް ސައިޑްގެ ބިމެއް ނަމަ ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 5،500 ރުފިޔާ އެވެ.

ގޯތި ގަންނަން ބޭނުންވާ ފަރާތްތަަށް މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު އެއްވަނަ ދުވަހުގެ ނިޔަލަށް ފޯމު ވިއްކާނެ އެވެ. ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު 11 އަދި 12 ވަނަ ދުވަހު އެވެ.

ގޯތި ގަންނަ މީހުންގެ ޝަރުތުތައް

އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުން.
އެޗްޑީސީން ވިއްކި ހުޅުމާލޭގެ ބިމެއް ބީލަމުގެ އުސޫލުން ގަނެފައިވާ މީހަކަށް ނުވުން.
ދިރިއުޅުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް - މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައި ނެތުން.
އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާނަމަ 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުން.
ބީލަމުން ބިމެއް ގަތުމަށްފަހު އެ ބިން އެހެން މީހެއްގެ ނަމަށް ބަދަލުކޮށްފައިވާ މީހަކަށް ނުވުން.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިއަހަރުގެ ފެބްރުއަރީ މަހުވެސް ބިން ވިއްކާފައިވެ އެވެ. އޭރު ބީލަމުގެ އުސޫލުން ދެ ބުރެއްގެ މަތިން ޖުމްލަ 60 ބިން ވިއްކައިގެން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ އެޗްޑީސީއަށް ލިބުނެވެ.