ނާވައިދޫ

ނައިވައިދޫ ފެނުގެ ނިޒާމު އިފްތިތާހުކޮށްދެއްވައިފި

ހދ. ނައިވައިދޫގެ ފެނުގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފި އެވެ.

ނައިވައިދޫގައި މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފެނުގެ ނިޒާމު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ނައިވައިދޫ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއު ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮސްފައިވަނީ ސެޕްޓެމްބަރު 29، 2019 ގައެވެ.

ދައުލަތުގެ ބަޖެޓުން 15.3 މިލިއަން ރުފިޔާ ހަރަދުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޮކްޓޯބަރު 20، 2019 ގައެވެ.

ނައިވައިދޫ ފެނުގެ ނިޒާމު ގާއިމުކޮށް ނިންމީ މިއަހަރުގެ ޖޫން 16 ވަނަ ދުވަހު އެވެ.

މި މަޝަރޫއުގެ ދަށުން 4.5 ކިލޯޓަރުގެ ފެނުގެ ނިޒާމުގެ ވިއުގައެއް ނައިވައިދޫގައި އަޅާފައިވެ އެވެ. ދުވާލަކު 40 ޓަނުގެ ފެން އުފައްދާ ދެ އާރްއޯ ޕްލާންޓާއި ފެން ރައްކާކުރުމަށް 185 ޓަނުގެ ދެ ތާންގީގެ އިތުރުން ވާރޭފެން ރައްކާ ކުރުމަށް 150 ޓަނުގެ ތާންގީއެއް ވެސް މިމަޝްރޫއުގެ ދަށުން ނައިވައިދޫގައި ހަދާފައިވެ އެވެ.

ފެނަކަ އިން ބެލެހެއްޓުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމު މިއަދު އިފްތިތާހުކުރިއިރު ނައިވައިދޫގެ 174 ގެއަކަށް ފެނުގެ ހިދުމަތް ދީފައިވެ އެވެ.

ނައިވައިދޫ އަކީ އިރުވައި މޫސުމުގައި ސާފު ފެން ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާ ރަށަކަށް ވާއިރު، މިއަދު ފެނުގެ ނިޒާމު އިފްތިތާހުކުރުމާ އެކު ރައްޔިތުންނަށް މި މައްސަލައިގައި ދާއިމީ ހައްލެއް ލިބޭނެ ކަމަށް ނައިވައިދޫ ކައުންސިލުން ބުނެ އެވެ.