ހު ސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ އަހަރެމެން ތެރޭގައި އެހާ އާންމު ކަމެއް ނޫނެވެ. އެކަމަކު އެފަދަ ވަގުތުތައް ހެޔޮގޮތުގައި ބޭނުން ހިފުމަށް ލޯބިކުރާ ބަޔަކު މަދުން ނަމަވެސް އުޅެ އެވެ. ބ. މާޅޮހަށް އުފަން އަބްދުލް ޖަލީލް ސޯލިހް (ޖަލީލް)އަކީ އެފަދަ މީހެކެވެ.
ފޭސްބުކްގައި "ޖަލީލުގެ ހުސްވަގުތު"ގެ ނަމުގައި ހިންގާ ޕޭޖަކީ ހުސްވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފިދާނެ ކަން އަންގައިދޭ ވަރަށް މުހިއްމު މަސައްކަތެކެވެ. ޖަލީލް ގެނެސްދޭ ވީޑިއޯ ތަކަކީ ހެއްވާ މަޖާ ގޮތްތަކެއް އެކުލެވޭ ޝައުގުވެރި އަދި ވަރަށް ރަނގަޅު މެސެޖުތަކެއް ލިބޭ ވީޑިއޯ ތަކެކެވެ. ހުސްވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ކުރުމަށް ކުރެވިދާނެ ކަމެއް ނޭނގިގެން އުޅޭ މީހަކަށް ޖަލީލްގެ ވީޑިއޯ ތަކަކީ ބަލާލަން ރަނގަޅު މަސައްކަތެކެވެ.
ސޯޝަލްމީޑިއާގައި އެތައްހާސް ބަޔަކު ޖަލީލް ފޮލޯކުރެ އެވެ. އެތައްހާސް ބަޔަކު އޭނާ ހަދައި އާންމުކުރާ ވީޑިއޯތައް ގަވައިދުން ބަލަ އެވެ. އެހެންވެ ޖަލީލަކީ މިއަދު ރާއްޖޭގައި ގިނަ ބަޔަކު ދަންނަ ސޯޝަލްމީޑިއާގައި ނުފޫޒުގަދަ މީހެކެވެ.
އުމުރުން 38 އަހަރުގެ ޖަލީލަކީ މާޅޮހު ސްކޫލުގެ ޒިންމާދާރު މުދަރިއްސެކެވެ. ހަތަރު ކުދިންގެ ބައްޕަ އެކެވެ. ރަށު ސްކޫލުގައި ޕްރައިމަރީ ގުރޭޑްތައް ނިންމާލުމަށްފަހު ސާނަވީ ގުރޭޑްތަކަށް ޖަލީލް ކިޔެވީ ބ. އަތޮޅު މަދަރުސާއިންނެވެ. ޖަލީލަށް އެނގޭ އެއްޗެއް އެހެން މީހުންނަށް ބުނެދީ، ކިޔައިދިނުމަކީ އޭނާ އަބަދުވެސް ލޯބިކުރާ ކަމެކެވެ. އެކަމަށް އޮތް ޝައުގެއްގެ ބޮޑުކަމުން 2005 ވަަނަ އަހަރު ޖަލީލް ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީން ޓީޗީން ޑިޕްލޮމާ ވެސް ހަދާފަ އެވެ.
މާޅޮސް ސުކޫލުގެ ލީޑިން ޓީޗަރެއްގެ އިތުރުން ބިޒަނަސް ޓީޗަރެއްގެ މަގާމު އަދާކުރާ ޖަލީލްގެ ވީޑިއޯތަކުގެ މަގުސަދަކީ ވެސް އެއްޗެއް ކިޔައިދިނުމެވެ. ކަމެއްގެ ރަނގަޅާއި ނުބައި ބުނެދިނުމެވެ. ޖަލީލް އެކަން ކުރަނީ ވެސް މީހުން ޝައުގުވެރިވާ ގޮތަށް ވީޑީއޯގައި ހިމަނައިގެންނެވެ. މީހުން ހެއްވާލުމުގެ ހުނަރު ޖަލީލްގެ ކިބައިގައި ހުރިކަން ވީޑިއޯތަކުން އެނގެ އެވެ. އެހެންވަނީ އޭނާ އަކީ މީހުންނާ ގުޅޭ ސަކަ މިޒާޖެއްގެ މީހަކަށް ވާތީ ކަމަށް ގަބޫލުކުރެވެ އެވެ.
ޖަލީލު ބުނާގޮތުން ވީޑިއޯ ކްލިޕްތަކެއް ހަދައި ސޯޝަލް މީޑިއާގައި ހިއްސާކުރަން ފެށުނީ ކޮވިޑް-19ގެ ދުވަސްވަރު ގޭގައި ބަންދުވެ، ފޫހިވެފައި ތިބެންޖެހުމުން ރޯދަ މަހުގެ ދުވަސްވަރު އެވެ.
"އެއީ ހަމަ އަންހެނުންނަށް އެހީވާން ބަދިގެ ތެރެއަށް ވަދެ އުޅުނު ދުވަހެއް. ބަޖިޔާ ހަދަން ހުރެފައި ހިތަށް އެރީ ވީޑިއޯއެއް ހަދާލާނީއޭ ބަޖިޔާ ހަދާ ގޮތް ކިޔައިދެމުން. ދެން އެ ވީޑިއޯ އަޅުގަނޑުގެ ފޭސްބުކްގައި އަޕްލޯޑު ކޮށްލީ. ހިއެއް ނުކުރަން އެ ވީޑީއޯއަށް އެހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަކަށް" ޖަލީލް ކިޔައިދިނެވެ.
މާބޮޑު ވިސްނުމެއް ފިކުރެއް ނެތި ހެދި ވީޑިއޯއަށް ބޮޑު ތަރުހީބެއް ލިބުނެވެ. ނުވަހާހެއްހާ މީހުން މި ވީޑިއޯ ބަލާފައިވާއިރު 108 މީހުން ވަނީ ޖަލީލްގެ ފުރަތަމަ ވީޑިއޯ ފެސްބުކްގައި ޝެއާ ކޮށްފަ އެވެ. ފުރަތަމަ ވީޑިއޯއަށް ލިބިގެން ދިޔަ ބޮޑު ތަރުހީބު ވެގެން ދިޔައީ އިތުރަށް މި މަސައްކަތުގައި ކުރިއަށް ދިއުމަށް ޖަލީލަށް ލިބުނު ހިތްވަރަކަށެވެ. އެކަމަކު އޭނާ ދެން އެ މަސައްކަތް ފެށީ ވަކި އިންތިޒާމުތަކެއްގެ ތެރެއިންނެވެ.
ފުރަތަމަ ވީޑިއޯއަށް ފަހު ޖަލީލް ގެންދިޔައީ "ބަދިގެ ތެރެއިން"ގެ ނަމުގައި އެކިކަހަލަ ހެދިކާ ހަދާނެ ގޮތް ކިޔައިދީ އޭނާގެ އަމިއްލަ ފޭސްބުކް ޕޭޖުގައި ވީޑިއޯތައް ހިއްސާކުރަމުންނެވެ.
ވަކިން ފޭސްބުކް ޕޭޖެއް ހަދައި، މި މަސައްކަތް ޖަލީލް ފެށީ ރާއްޖޭގެ ބޮޑު ވިޔަފާރިއެއް ކަމުގައިވާ ފަތަހަ ސްޓާގެ މެނޭޖިން ޑައިރެކްޓަރު އަބޫބަކުރު އަބްދުﷲ، ޖަލީލްގެ މަސައްކަތް ސްޕޮންސާ ކުރަން ބޭނުންވުމުންނެވެ. ޖަލީލް ބުނި ގޮތުގައި، އަބޫބަކުރު އަބްދުﷲ އެ ފުރުސަތު ނުދެއްވިނަމަ އޭނާ މިއަދު އެކުރާ ވީޑިއޯގެ މަސައްކަތެއް ނުކުރާނެ އެވެ.
ފަތަހައިން ބޭނުންވީ ޖަލީލު ފެންނާނެހެން "ފަތަހަ ސުންބުލި ބަދިގެ ތެރެއިން"ގެ ނަމުގައި އެކިކަހަލަ ކެއުންތައް ތައްުޔާރުކުރާ ވީޑިއޯތަކެއް ގެނެސްދޭށެވެ. ޖަލީލު 2020 ވަނަ އަހަރު ފެށި މިމަސައްކަތުން އެނާއަށް ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ވެސް ލިބުނެވެ.
ފޭސްބުކްގައި ޖަލީލް އާންމުކުރަމުން ދިޔަ ވީޑިއޯގެ މަސައްކަތްތައް 2021 ވަނަ އަހަރު ދިގު މުއްދަތަކަށް މެދުކަޑާލަން ވެސް ޖެހުނެވެ. އެއީ އޭނާގެ އަތުގެ އިނގިލިތަކަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެންނެވެ. ކަނޑުމަތީގައި އުޅުމުގެ ތެރޭގައި ކަނާއަތުގެ ދެ އިނގިއްޔަކަށް ލިބުނު އަނިޔާގެ ސަބަބުން ގާތްގަޑަކަށް ހަތް މަސް ދުވަހަށް ޖަލީލުގެ ވީޑިއޯގެ މަސައްކަތްތައް ހުއްޓާލަން ޖެހުނެވެ. ޖަލީލު ބުނާ ގޮތުންނަމަ އޭނާގެ ފޭނުން ހިތްހަމަޖައްސައިދިނުމަށް ކުރަމުން ދިޔަ އެ މަސައްކަތް އެހާ ދިގު މުއްދަތަކަށް މެދުކެނޑުމަކީ އޭނާއަށް ވެސް ލިބުނު ބޮޑު ހިތާމައެކެވެ.
"އެދުވަސްވަރު ހެޔޮއެދޭ އެތައް ބައެއްގެ މެސެޖުތަކާއި ރިކުއެސްޓްތައް ވެސް ލިބުނު އަޅުގަނޑު ދުވަސްކޮޅަކަށް ގެއްލުމުން،" ޖަލީލު ބުންޏެވެ.
މެދުކެނޑުމަކަށް ފަހު އެނބުރި އައި އިރު ކުރިން ޖަލީލު ހަދަމުން ދިޔަ ވީޑިއޯ ކްލިޕްތަކާއި ތަފާތުކޮށް އޭނާ އެކަން ކުރަމުން ދިޔަ ކަން އެއީ ފާހަގަކުރެވުނު މުހިއްމު ބަދަލެކެވެ. އެގޮތުން މިއަހަރު ވީޑިއޯ ހެދުމުގެ މަސައްކަތް ޖަލީލު އަލުން ފެށީ އެ ވީޑިއޯތައް ބަލައި އެންމެންނަށް ވެސް ރަނގަޅު މައުލޫމާތެއް އަދި މުހިއްމު އިބުރަތެއް ލިބޭ މެސެޖުތަކެއް ގެނެސް ދިނުމަށް އަޒުމު ކަނޑައަޅައިގެންނެވެ. ޖަލީލު ގެނައި މިބަދަލު އޭނާ ފޮލޯކުރާ މީހުންނަށް މާބޮޑަށްވެސް ކަމުދިޔަ އެވެ. އެކަން އެނގެނީ ކޮށްފައި ހުންނަ ކޮމެންޓްތަކާއި ޝެއާ ކޮށްފައި ހުންނަ އަދަދުތަކުންނެވެ. ޖަލީލު މިހާރު ވީޑިއޯ ހަދަނީ އާންމު ދިރިއުޅުމުގައި ކުރެވޭ ތަޖުރިބާތަކަށް އަމާޒުކޮށްގެންނެވެ.
ޖަލީލުގެ ވީޑިއޯތަކުގެ ތެރޭގައި އަމިއްލަ ނަފްސު ދިފާއު ކުރާނެ ގޮތާއި، ގޭތެރޭގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް މަޖާ ގޮތަކަށް ގެނެސްދީފައިވެ އެވެ. ޖަލީލް އަމިއްލައަށް ހަދާފައި ހުރި ބައެއް ޅެންތައް ވެސް އޭނާ ވަނީ ނިކަން މަޖާ ގޮތަކަށް ގެނެސްދީފަ އެވެ. އާންމުންގެ ޝައުގުވެރިކަން އެންމެ ބޮޑުވި އެއްލަވަ އަކީ "ދެ އަންބަށް އިނުމުގެ ޑިޕްލޮމާ ކޯސް"ގެ ނަމުގައި ޖަލީލު ގެނެސްދިން ލަވަ އެވެ. މި ލަވަ ވަނީ 130،000 އަށް ވުރެ ގިނަ މީހުން ބަލާފަ އެވެ.
ޖަލީލު މިހާރު ކުރަމުންދާ އެއް މަސައްކަތަކީ މުހާވިރާއަކާއި ބެހޭ ގޮތުން ވީޑިއޯއެއް ހަދައި އެ މުހާވިރާ ދިމާކުރުމަށް އާމުންނަށް ހުޅުވާލުމެވެ. މުހާވިރާ ދިމާކޮށްގެން ގުރުއަތުން ހޮވޭ މީހަކަށް ޕިއްޒާ ޓައިމްއިން ޕިއްޒާއެއް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސައިދީފައިވެ އެެވެ.
"ގުރުއަތުން ބޭފުޅަކު ހޮވުމަށް ވަގުތުކޮޅެއް ހެދަކޮށްލަންޖެހޭ. ވަރަށް ގިނަ ބަޔަކު އެބަހުރޭ ރަނގަޅު ޖަވާބު ދިމާކޮށްފައި. ކޮމެންޓުތައް ކިޔައިގެން ރަނގަޅު ޖަވާބުތައް ދީފަ ހުރި ބޭފުޅުންގެ ނަންތައް ގަޑެއްގައި ލިޔެގެން ކަތުރުން ކަފައިގެން ބޭފުޅަކު މިހޮވަނީ" ޖަލީލް ބުންޏެވެ.
ޖަލީލުގެ މަސައްކަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާތީ އޭނާގެ މިމަސައްކަތް އާމްދަނީ ލިބޭ މަސައްކަތަކަށް ބަދަލުކޮށްލުމުގެ ވިސްނުމެއް އޮތް ކަމަށްވެސް ޖަލީލު ބުންޏެވެ.
"ހަގީގަތުގައި އަޅުގަނޑަށް މިހާރުވެސް މިމަސައްކަތުގެ ތެރެއިން އާމްދަނީ ލިބޭނެ ފުރުސަތުތައް އެބަހުރި. ބައެއް ބޭފުޅުންގެ ހުށަހެޅުންތަކެއް ވެސް އެބަހުރި. ކުރިން އާމްދަނީއެއް ހޯދުމުގެ ހިޔާލެއް ނުގެންގުޅުނު ނަމަވެސް މި މަސައްކަތުން އާމްދަނީއެއް ހޯދިދާނެ ކަމަށް މިހާރު ބެލެވޭ،" ޖަލީލުގެ ވިސްނުން ހުރި ގޮތް ހިއްސާކުރި އެވެ.
ޖަލީލުގެ ވީޑިއޯތަކުގައި އޭނާ ކޮންމެވެސް ވަރަކަށް ހިންދީ ބަހުން ވާހަކަ ދައްކާފައިވެސް ހުރެ އެވެ. އާންމުންނަށް އެކަންވެސް ވަނީ ޝައުގުވެރި ކަމަކަށެވެ. ހިންދީ ބަސް ދަސްކުރީ ކިހިނެއްތޯ އެހުމުން ޖަލީލު ބުނީ އެކަން ކުރީ ހިންދީ ފިލްމުތައް ބަލައިގެން ކަމަށެވެ. ޖަލީލު އިންޑިއާއަށް ކުރި ދަތުރެއްގައި އެ ގައުމުގައި ހުރެގެން ވެސް ބައެއް ވީޑިއޯ ހިއްސާކޮށްފައިވެ އެވެ. އެގޮތުން ތާޖުމަހަލްގެ ކުރިމަތީގައި ހުރެގެން ޖަލީލު ގެނެސްދިން ވީޑިއޯ އަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.
ޖަލީލްގެ ވީޑިއޯތަކަށް އެވްރެޖުކޮށް 30،000 އަށް ވުރެ މަތިން ވިއުސް ލިިބެ އެވެ. އާންމުންނަށް އޭނާގެ މަސައްކަތް ބަލައިގަނެވޭ ކަން އެނގެނީ ކޮށްފައި ހުންނަ ކޮމެންޓްތަކުންނެވެ. ދިވެހިންނާ އެއްގޮތް އާދަކާދައެއް ހިފަހައްޓަމުން ގެންދާ މަލިކުގެ ބައެއް މީހުން ވެސް ޖަލީލުގެ ވީޑިއޯތަކަށް ކޮމެންޓް ކޮށްފައި ހުރެ އެވެ.
މުސްތަގުބަލުގައިވެސް މިފަދަ މަޖާ އިލްމީ ވީޑިއޯތަކެއް ހެދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދަން ޖަލީލް ހުރި ތައްޔާރަށެވެ. އޭނާގެ މަސައްކަތުގައި މިހާރު އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އަނބިމީހާއާއި އެންމެ ދޮށީ އަންހެން ދަރިފުޅުގެ ފަރާތުން ކަމުގައިވެސް ބުންޏެވެ.