ދުނިޔެ

ސައޫދީ ބޮޑުވަޒީރުގެ މަގާމަށް މުހައްމަދު ބިން ސަލްމާން

ސައޫދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒްގެ ޝާހީ ގަރާރަކުން އެ މަނިކުފާންގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން، އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) މީގެ ކުރިން ހުންނެވީ ބޮޑުވަޒީރުގެ ނައިބުގެ މަގާމުގަ އެވެ. އަދި ޑިފެންސް މިނިސްޓަރަކީ ވެސް އެ މަނިކުފާން އެވެ.

ޝާހީ އަމުރަކުން ކެބިނެޓް ތަރުތީބު ކުރައްވަައި ސަރުކާރު ހިންގުމުގެ އެންމެ އިސްވެެރިޔާގެ މަގާމު ވަނީ މުހައްމަދު ބިން ސަލްމާއާ ހަވާލުކުރައްވާފަ އެވެ. މި އަމުރުގައި އޮތް ގޮތުން ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ރަސްގެފާން ދެމިހުންނަވާނެ އެވެ.

އެެހެން ނަމަވެސް، ކެބިނެޓް ބައްދަލުވުންތައް ބަލަހައްޓަވާނީ ސަލްމާން ރަސްގެފާންެ އެވެ. ބައްދަލުވުންތައް ބާއްވާނީ ރަސްގެފާންގެ ސީދާ އަމުރުފުޅަށް އެދިވަޑައިގަންނަވާ ތަރުތީބުންނެވެ.

އެމްބީއެސް ޑިފެންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމާ އެކު އެ މަގާމަށް އައްޔަން ކުރެއްވީ އެމްބީއެސްގެ ކޮއްކޯފުޅު ޕްރިންސް ޚާލިދު ބިން ސަލްމާން އެވެ. ޚާލިދު ކުރިން ހުންނެވީ ޑިފެންސް މިނިސްޓަރުގެ ނައިބުގެ މަގާމުގަ އެވެ.

ސައޫދީ ކެބިނެޓަށް ގެނައި ބަދަލުތަކުގެ ތެރޭގައި މިނިސްޓްރީ ތަކަށް އިތުރު އެހެން ބަދަލުތައް ވެސް ވަނީ ގެނެސްފަ އެވެ. އެ ގޮތުން އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމަށް ޔޫސުފް ބިން އަބްދުﷲ އަލްބުންޔާން ވަނީ ހަމަޖައްސާފަ އެވެ.

ޝާހީ ގަރާރުގައި އޮތް ގޮތުން މިހާރު ވެސް މަގާމުގައި ތިއްބެވި އިސް ވަޒީރުން އެ މަގާމުތަކުގައި ތިއްބަވާނެ އެވެ. އެ ގޮތުން ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައޫދު އެ މަގާމުގައި ހުންނަވާނެ އެވެ.

އަދި މުހައްމަދު އަލް ޖަދާން ފައިނޭންސް މިނިސްޓަރުގެ މަގާމުގައި، ޚާލިދު އަލް ފާލިހް އިންވެސްޓްމަންޓް މިނިސްޓަރުގެ މަގާމުގައި ދެމި ހުންނަވާނެ އެވެ.

މުހައްމަދު ބިން ސަލްމާން އަށް ސަރުކާރު ހިންގުން ހަވާލުކުރެއްވި ސަބަބެއް ރަސްގެފާން ވިދާޅެއް ނުވެ އެވެ. އެހެން ނަމަވެސް، ފަހަކަށް އައިސް ރަސްގެފާން އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ އެވެ.

ހޮސްޕިޓަލުގައި އެކިފަހަރު މަތިން އެޑްމިޓްކުރައްވައި ފަރުވާ ވެސް ވަނީ ދެއްވާފަ އެވެ. ހިނގާބިނގާވެ އުޅުއްވަން ބައެއް ފަހަރު ދަތިފުޅު ނަމަވެސް، ސަރުކާރުގެ މުހިންމު ބައްދަލުވުންތައް ބެލެހެއްޓެވުމުގައި އަދި ވެސް ފެންނަނީ ވަރަށް މުރާލިކޮށް އުޅުއްވާ ތަނެވެ.

އެމްބީއެސް އަށް ބާރުތަކެއް ދިނުމުގައި އޮތް ހިކުމަތަކީ ސައޫދީގެ އިދުތިސޯދު ހަރުދަނާ ކުރުމާއި ގައުމުގައި އަމަން ދެމެހެއްޓުމަށް ޒުވާން ޖީލެއް މަސްއޫލުކުރުން ކަމަށް ބެލެވެ އެވެ. ޒުވާން ލެއިން ސައޫދީގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރި ކުރުމަކީ ވެސް ރަސްގެފާންގެ ފިސްނުންފުޅެއް ކަމަށް ބެލެވެ އެވެ.