ދުނިޔެ

ޗައިނާގެ ނުފޫޒުން މެދުއިރުމަތި ސަލާމަތްކުރަން ޖެހޭ: ވައިޓް ހައުސް

ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިހާރު އުޅުއްވަނީ ސައޫދީ ރަސްގެފާން ސަލްމާން ބިން އަބަދުލްއަޒީޒްގެ ހާއްސަ ދައުވަތަށް ކުރައްވާ ތިން ދުވަހުގެ ދަތުރެއްގައި ސައޫދީ އަރަބިއްޔާގަ އެވެ.

ޝީ ޖިންޕިންގެ މި ދަތުރުގައި ސަލްމާން ރަސްގެފާންއާ ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ސައޫދީގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ވެސް ޝީ ބައްދަލު ކުރައްވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ޗައިނާގެ ރައީސް ސައޫދީއަށް ވަޑައިގެން ދައުލަތުގެ ބާރުތަކާ އެކު ގާތް ގުޅުންތަކެއް އާކުރެއްވުމަކީ އެމެރިކާއަށް ހީކެރެވުންތައް އޮތް ކަމެކެވެ.

ޝީގެ މި ދަތުރާ ގުޅިގެން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓްހައުސްއިން ނޫސްވެރިންނަށް ދިން ޖަވާބުން ވެސް މިކަމުގައި އެމެރިކާއަށް ކަންބޮޑުވުން އޮތްކަން ވަރަށް ސާފެވެ.

ވައިޓް ހައުސްގައި އޮންނަ ނެޝަނަލް ސެކިޔުރިޓީ ކައުންސިލްގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވި ގޮތުގައި ޗައިނާއިން މުޅި ދުނިޔޭގައި ހަންފަތުރަން ކުރާ މަސައްކަތްތައް ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފެވެ.

ޖޯން ކާބީ ވިދާޅުވީ ސައޫދީ އަކީ އެމެރިކާއަށް ވަރަށް މުހިންމު ބައިވެެރިއެއް ކަމަށާއި މެދުއިރުމަތި ކިލަންބުކުރަން ޗައިނާއަށް ފުރުސަތުދިނުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.

ޗައިނާއަށް އަދި ވާ އައްސައިނުލެވި އޮތް ސަރަހައްދަކީ މެދުއިރުމަތި ކަމަށް ސިފަކުރައްވައި ޖޯން ކާބީ ވިދާޅުވީ މެދުއިރުމައްޗަކީ ޗައިނާއަށް އޮޑިއަޅަން އޮތް ބަނދަރެއް ނޫން ކަމަށެވެ.

ޖޯން ކާބީ ވިދާޅުވި ގޮތުގައި ޗައިނާއާ އެމެރިކާއާ ދެމެދުން ވަކި ގައުމެއް އިހުތިޔާރު ކުރުމަށް ދުނިިޔޭގެ ގައުމުތަކަށް އެމެރިކާ ބާރެއް ނާޅާނެ އެވެ. އޭނާ އަދި ވިދާޅުވީ މިހާ އޮއިގަދަ ޒަމާނެއްގައި ދިޔަވަރަށް ވިސްނައިގެން އޮޑި ދުއްވޭނީ ތަޖުރިބާކާރު ކައްޕިތާނަކަށް ކަމަށެވެ.

ޝީ ޖިންޕިން ސައޫދީއަށް ވަޑައިގަތުމުގައި އެމެރިކާއަށް އޮތް އެންމެ ބޮޑު ރިހުމަކީ އަރަބި ގަލްފް ސަމިޓެވެ. މިއީ އިޚުތިޔާރީ ފެންވަރުގައި ހުރިހާ ކަމެއް، ޗައިނާ އާއި ސައޫދީން ނިންމާނެ ބައްދަލުވުމެކެވެ.

އަނެއްކޮޅުން ޝީގެ ބައިވެރިވެ ވަޑައިގަތުމާ އެކު ބާއްވާ އަރަބި-ޗައިނާ ބައްދަލުވުމަކީ ވެސް ސަރަހައްދީ ފެންވަރުގައި ބާރުގަދަ ނިންމުންތަކެއް ނިންމާނެ ބައްދަލުވުމެކެވެ. އެއީ ގަލްފް ކޯއޮޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ވެރިންކާ އެކު އޮންނަ ބައްދަލުވުމަށް ވާތީ އެވެ.

ޖީސީސީ ބައްދަލުވުމުގައި ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު، ކުވައިތު، އޮމާން އަދި ބަހްރޭންގެ އިތުރުން ޗައިނާ ވެސް ބައިވެރިވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.