ދުނިޔެ

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ސައޫދީ އަރަބިއްޔާގައި

މުހައްމަދު ބިން ސަލްމާން (ކ) އަދި ޖޭކް ސުލިވާން -- ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރެއްވުމަށް ސުލިވާން ހުންނެވީ ސައޫދީގައި
0%
0%
0%

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވާން ކުއްލި ދަތުރެއްގައި ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.

ޖޭކް ސުލިވާންގެ ބޭނުމެއް ކަމަށް އެނގިފައި އޮތީ ސައޫދީ އަަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން ސިއްރުގަ އާއި ފާޅުގައި ސައޫދީއަށް ވަރަށް ގިނައިން މިފަހުން ގެންދަވަނީ ދަތުރުކުރައްވަމުން ނެވެ.

މައިގަނޑު ބޭނުމެއް ކަމަށް ކޮންމެ ބޭފުޅަކު ވެސް ވިދާޅުވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި، ސަރަހައްދީ މަސްލަހަތު ހަމައަކަށް އެޅުވުން ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވެސް ވަނީ މިދާކަށް ދުވަހު -- ފާއިތުވި ޖޫން މަހު ސައޫދީއަށް ވަޑައިގެންފަ އެވެ.

ބްލިންކެންގެ މި ދަތުރުގައި މެދުއިރުމަތީގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ. އަދި ސައުދީއާ އެކު ސިއްރު މަޝްވަރާތަކެއް ވެސް ކުރެއްވި އެވެ.

ޖޭކް ސުލިވާން މި ވަގުތު ސައޫދީއަށް ވަޑައިގެން ގައުމުގެ އެންމެ ނުފޫޒުގަދަ ބޮޑުވަޒީރު ބިން ސަލްމާންއާ ބައްދަލުކުރެއްވުމުގައި ވެސް ދުނިޔެއަށް އެނގެން ނުޖެހޭ މަޝްވަރާތަކެއް އޮންނާނެ އެވެ.

މެދުއިރުމަތީގައި ޗައިނާގެ ބާރުގަދަވުމާއި އަންނަ މަހު ސައުތު އެފްރިކާގައި އޮންނަ ބްރިކްސް ސަމިޓަކީ ވެސް އެމެރިކާއަށް އޮތް ކަންބޮޑުވުންތަކެކެވެ.

ބްރިކްސް ސަމިޓްގައި ސައޫދީގެ ހިޔާލާ އެއްގޮތަށް ދުނިޔޭގެ މާލީ ނިޒާމު ޑޮލަރުން ވަކިކުރަން ކުރެވޭ މަޝްވަރާތަކަށް ނުފޫޒު ފޯރުވުމަކީ ވެސް އެމެރިކާ މިހާރު ކުރާނެ ކަމެކެވެ.

ސައޫދީ އަރަބިއްޔާ އާއި އިންޑިއާ ބައިވެރިވާ ސަމިޓްތަކުގައި ޗައިނާ ބައިވެރިވާނަމަ -- ސަމިޓްގައި ކުރެވޭ މަޝްވަރާތަކަށް ނުފޫޒުފޯރުވައި ސަމިޓްގެ އަސްލު މަގުސަދު ގެއްލުވާލުމަކީވެސް އެމެރިކާ ވަރަށް ކުރާހިތްވާނެ ކަމެކެވެ. އެހެން ނަމަވެސް، މުހައްމަދު ބިން ސަލްމާންގެ ޒައާމަތުގައި ސައޫދީ އޮތީ އެމެރިކާ ބުނާހާ ގޮތަކަށް އަމަލުކުރާ ގޮތަކަށް ނޫނެވެ.

ދުނިޔޭގެ އިގުތިސާދުގައި ސައޫދީއަށް ކުރިއަރައިގެން ދާން އެދޭ ދުވެއްޔަށް އެމެރިކާގެ ސަބަބުން ހުރަސްއެޅުނަ ނުދެއްވާނެ ކަމަށް ބިން ސަލްމާން އޮތީ ވިދާޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910