ދުނިޔެ

ތުރުކީ އާއި ޕާކިސްތާންގެ ވެރިން ސައޫދީގައި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ. މިއީ 2017 އަށް ފަހު އުރުދުޣާން ސައޫދީއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އުރުދުޣާންއަށް ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ މައްކާގެ ގަވަރުނަރު، ޕްރިންސް ޚާލިދު އަލްފައިސަލް އެވެ. މިއީ ސަލްމާން ރަސްގެފާން ދެއްވި ދައުވަތަކަށް އުރުދުޣާން ކުރައްވާ ދަތުރެކެވެ.

ސައޫދީއަށް ވަޑައިގަތުމުގެ ކުރިން އުރުދުޣާން ވަނީ ސައޫދީއަށް ތައުރީފް ކުރައްވައި ބަސް ވިދާޅުވެފަ އެވެ. ސައޫދީއާއެކު މުޅިން އާޖީލަށް ދުރުކީ ދަތުރުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އުރުދުޣާން ފަހަކަށް އައިސް ގެންދަވަނީ އަވަށްޓެރި ތިމާގެ ގައުމުތަކާއެކު ގުޅުން ބަދަހިކުރައްވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ސައޫދީ އަކީ ހުރިހާ ގައުމަކަށް ވުރެ ތުރުކީއާ ގުޅުން ގާތް ގައުމަކަށް ވާން ޖެހެ އެވެ.

ސައޫދީއާ އެކު އިގުތިސޯދީ ސިޔާސީ އަދި އަސްކަރީ މަޝްވަރާތައް ބާއްވާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ. ދެގައުމުގެ ދެމެދުގައި އިންޕޯޓް/ އެކްސްޕޯޓް ވިޔަފާރި ފުޅާކޮށް ދެގައުމުގެ ވިޔަފާރިވެރިންނަށް ފުރުސަތު ތަނަވަސްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަލްމާން ރަސްގެފާނާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން އުރުދުޣާންއާ ބައްދަލު ކުރައްވައި ވަނީ މަރުހަބާ ދަންނަވާފަ އެވެ. އަދި ތިން ބޭފުޅުން ޚާއްސަ މަޝްވަރާތަކެއް ވެސް ވަނީ ކުރައްވާފަ އެވެ.

އުރުދުޣާން ވިދާޅުވީ ސައޫދީ މަޝްވަރާ ނުކުރާނެ އެއްވެސް މައުލޫއެއް ނޯންނަނެ ކަމަށާއި ތުރުކީގެ އެތެރެ އާއި ބޭރު ސައޫދީއަށް ހުޅުވާލާފައި އޮތް ކަމަށެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް

ޕާކިސްތާންގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި ޝެހެބާޒް ޝަރީފް ވަނީ ސައޫދީއަށް ވަޑައިގެންފި އެވެ. މިއީ ސަލްމާން ރަސްގެފާނާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ދެއްވި ދައުވަތެކެވެ.

ޝެހެބާޒް ޝަރީފް ސައޫދީއަށް ވަޑައިގެން މަދީނާގައި، މަސްޖިދުލް ނަބަވީގައި ނަމާދު ކުރައްވައި ހެޔޮ ދުއާ ކުރެއްވި ކަމަށް ސައޫދީ ޕްރެސް އޭޖެންސީ ވަނީ ބުނެފަ އެވެ.

ދަތުރު ފެއްޓެވުމުގެ ކުރިން ވެސް ޝެހެބާޒް ވަނީ ސައޫދީއަށް ތައުރީފް ކުރައްވައި ޓްވީޓް ކުރައްވާފަ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މުސްލިމުންގެ ހިތްތަކުގައި ސައޫދީއަށް ގަދަރެއް އޮންނަން ޖެހެ އެވެ.

ޝެހެބާޒް ވިދާޅުވީ ސައޫދިގެ ވެރިންނާއެކު ވަރަށް ފުޅާކޮށް މަޝްވަރާ ކުރައްވާނެ ކަމަށާއި ޕާކިސްތާނަށް ދުނިޔޭގައި އޮތް ހައިސިއްޔަތާ މެދު ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ސައޫދީއާ އެކު ވިޔަފާރި ފުޅާކުރުމާއި ސަރައްދީ ރައްކާތެރިކަމާ ބެހޭ ގޮތުން ވެސް ދެގައުމުގެ ވެރިން މަޝްވަރާ ކުރައްވާނެ އެވެ.

ޝެހެބާޒްގެ އަރިހުގައި ކެބިނެޓްގެ ގިނަ މެންބަރުން ސައޫދީއަށް ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރުދާރީ ހިމެނެ އެވެ.