މީހުން

ފެށީ ބޮޑުބެރުން، މިހާރު ހުނަރުވެރި ޖާދޫގަރެއް

ހ. ބެގޯނިޔާ، މުހައްމަދު ޝަރީފް (ބެގޯ) އަކީ އެންމެން ދަންނަ ފަރިތަ މޫނެކެވެ. "މެޖީޝަން ޝަރީފް"ގެ ނަމުން މިހާރު ވިދަމުން ދިޔަ ނަމަވެސް އޭނާ އެންމެ ފުރަތަމަ އެނގެން ފެށީ ބޮޑުބޭރުގެ ހުނަރުވެރިއެއްގެ ގޮތުގަ އެވެ. ޝަރީފް ބޮޑުބެރު ޖެހިއިރު އެތައް ކުއްޖަކަށް ދަސްކޮށްދިނެވެ. ޖާދޫ ހެދުމަށް މިހާރު ބޮޑު އިސްކަމެއް ދީފައިވާއިރު އެ މަސައްކަތް ވެސް އޭނާ ދަނީ ދަސްކޮށްދެމުންނެވެ. ބޮޑުބެރާއި ޖާދުލާ ގުޅޭ މުބާރާތްތަކުގައި އޭނާ ފަނޑިޔާރުކަންވެސް ކުރެ އެވެ. އެގޮތުން އެންމެ ހާއްސަ އެއް މުބާރާތަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބޮޑުބެރު ޗެލްންޖުގެ ފަނޑިޔާރު ކަމެެވެ.

ބޮޑުބެރު ޖެހުމުގައި 35 އަހަރު

ޝަރީފް ބޮޑުބެރުގެ ތެރެއަށް ވަނީ އުމުރުން އެންމެ 11 އަހަރުގައި އާ ކަންކަން ދަސްކުރުމަށް ހިތުގައި އޮތް ޝައުގެއްގެ ބޮޑު ކަމުންނެވެ. އޭގެފަހުން 35 އަހަރު ވެގެން ދިޔައިރު އެ މަސައްކަތުގައި އޭނާ ހުރީ މުޅި ރާއްޖޭގައިވެސް އެންމެ އުހުގަ އެވެ.

"ބެރަށް ޝައުގުވެރިކަން އުފެދުނީ އަޅުގަނޑުގެ އުމުރުން ވަރަށް ކުޑައިރު ހެންވޭރު ބޮޑޫބެރު ގުރޫޕުގައި އޭރު އިސްކޮށް ހުންނެވި ކުޑަ އީސާފުޅާއެކީ އެގެއަށްް ގޮސް އުޅުމުގެ ތެރެއިން" އުމުރުން 59 އަހަރުގެ ޝަރީފް ބުންޏެވެ.

ބޮޑުބެރު ޝޯއެއްގައި އެންމެ ފުރަތަމަ ޝަރީފް ބައިވެރިވީ މަޖީދިއްޔާ ސުކޫލުގައި އޮތް އިންޖީނެއް ތައާރަފުކުރުމުގެ ރަސްމިއްޔާތެއްގަ އެވެ. އެއީ ހެންވޭރު ބޮޑުބެރު ގުރޫޕުގެ ބައެއް އިސްވެރިން ބަލިވެ އުޅޭތީއާއި އަދި އޭރު އެ ގުރޫޕްގެ ބައެއް އިސް ބޭފުޅުން ނިޔާވުމާއިއެކު، ހެންވޭރު ބޮޑުބެރަށް ހުއްޓުމެއް އަންނަ ބޭނުން ނުވާތީ އެވެ. މިފަދަ ބޮޑު މަސްއޫލިއްޔަތަކާއި ޝަރީފް ހަވާލުވީ ބޮޑުބެރަށާއި ދިވެހި ސަގާފަތައް ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

މާލޭގެ އަވަށު ވާދަވެރިކަން ބޮޑުބެރުގެ ތެރެއަށް ގެންނަން ބޭނުން ނުވާތީ ޝަރީފް ވަނީ ހެންވޭރު ބެރު ގުރޫޕުގެ ނަން "ސަމާ" ކަލްޗަރަލް ގްރޫޕަށް ފަހުން ބަދަލުކޮށްފަ އެވެ. މިގޮތުން ރާއްޖޭގެ އެކި އެކި ރިސޯޓުތަކުގައި އަދި ރަށްތަކުގައި ވެސް ގިނަ އަދަދެއްގެ ޝޯ ތަކަކާއި ތަމްސީލުތަކެއް ސަމާ ގުރޫޕުން ވަނީ ހުށަހަޅައި ދީފަ އެވެ. ދިވެހި ހެދުމާއި ސަގާފަތް ރަމްޒު ކޮށްދޭ ގިނަ ހުށަހެޅުންތަކެއް ރިސޯޓުތަކުގައި ވެސް ހުށަހަޅާފައިވެ އެވެ. ޑުބާއީގެ އިންޓާކޮންޓިނެންޝިއަލް ހޮޓެލްގައި 1992 ވަނަ އަހަރު ޝަރީފް ވަނީ ސަމާ ގްރޫޕާ އެކީ ބޮޑުބެރު ޝޯ އެއްވެސް ހުށަހަޅައި ދީފަ އެވެ. ރާއްޖެ ނޫން ގައުމެއްގައި އޭނާގެ ފުރަތަމަ ހުށަހެޅުމެވެ.

ޝަރީފްއަކީ ބެރުޖެހުމުގެ އިތުރުން، ބޮޑުބެރު ލަވަ ކިއުމާއި، އެކި ވައްތަރުގެ ސަގާފީ ނެށުންތައް ވެސް ދަންނަ ބޭފުޅެކެވެ. ދިވެހި ބޮޑުބެރުގައި މިއަދު އެންމެ ވިދާ ޒުވާނުންގެ ތެރޭގައި ޝަރީފްގެ ދަރިވަރުން ގިނަ އެވެ. ބޮޑުބެރު ޖަހައިގެން އެ ކުދިންނަށް ރަނގަޅު އާމްދަނީއެއް ލިބުމަކީ ޝަރީފަށް އޮތް ހިތްހަމަޖެހުމެކެވެ. އެކަމަކު ޝަރީފް ގަބޫލުކުރާ ގޮތުގައި ޒުވާނުން މިހާރު ކުޅޭ ބޮޑުބެރާއި ކުރީގެ ސަގާފީ ބޮޑުބެރުގައި ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. ބޮޑުބެރު މިހާރު ވަނީ "މޮޑާން" ކޮށްފައި ކަމަށް ޝަރީފް ގަބޫލުކުރެ އެވެ.

"އަސްލު ކުރީގެ ސަގާފީ ބޮޑުބެރު އެބަޖެހޭ އަލުން ދިރުވަން، މިއަދު ފަތުރުވެރިންނަށް ވެސް މި ގައުމުގެ ސަގާފަތް ކިޔައިދެވޭނީ އިހުގެ ބޮޑުބެރު ދިރުވައިގެން" ޝަރީފް ބުންޏެވެ.

ހުނަރުވެރި ޖާދޫގަރެއް

ޖާދުލޭ ބުނުމުން ގިނަ މީހުންނަށް ސިފަވެފައި އޮންނަނީ އެއީ ލޯމައްޗަށް ދައްކާލާ މަކަރެއްގެ ގޮތުގަ އެވެ. ނުވަތަ އޮޅުވާލުމެއްގެ ތެރެއިން ކުރާ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް ޝަރީފްގެ ނަޒަރުގައި ޖާދޫ ހެދުމަކީ ވެސް ހުނަރެކެވެ.

"ދިވެހި ބަހުގައި ވެސް ޖާދުލާ މަކަރަކީ ދެބަހެއް. އެހެންވީމަ އެއްގޮތަކަށް ވެސް ޖާދުލަކީ މަކަރެކޭ ނުބުނެވޭނެ" ޝަރީފް ބުންޏެވެ.

ޖާދޫ ހެދުމަށް ޝަރީފް ޝައުގުވެރިވީ ކުޑައިރު ސާކަސްއެއް ބަލައިލަން ލިބުނު ފުރުސަތަކަށް ފަހު އެވެ. އޭނާގެ ހިތުގައި އެކަމަށް އޮތް ޝައުގުވެރިކަމުގެ ބޮޑުކަމުން ޝަރީފް ދިޔައީ އެކިކަހަލަ ޓްރިކްތައް ދަސްކުރަމުންނެވެ. އަދި އެނާ މެޖިކް ޝޯ ހުށަހަޅައިދޭން ފެށީ، ސަމާ ބޮޑުބެރު ގުރޫޕުން ހުށަހަޅައިދޭ ތަމްސީލުތައް އިތުރުކޮށް، ބަލާ މީހުންނަށް ތަފާތު ހުނަރެއް ދައްކާލަން ބޭނުންވެގެންނެވެ.

އަބަދުވެސް ތަފާތު މޮޅުކަމެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަކީ ޝަރީފްގެ އަޒުމެވެ. ޝަރީފް ވަނީ އޭނާގެ ޖާދޫ ހެދުމުގެ ހުނަރު އަވަށްޓެރި ގައުމުތަކުގައި ދައްކައިލައި އެމީހުން ވެސް ހައިރާންކޮށްލާފަ އެވެ. ރިސޯޓުތަކުގައި ވެސް އޭނާގެ ހުނަރަށް ފަތުރުވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެ އެވެ.

ސްރީލަންކާގެ މެޖިކް ސޮސައިޓީ އިން އިންތިޒާމު ކޮށްގެން މިއަހަރުގެ އޭޕްރީލްގައި ބޭއްވި މުބާރާތެއްގައި ޝަރީފް ވަނީ 25 ޖާދޫގަރުންނާއި ވާދަކޮށް ދެވަނަ ވެސް ހޯދާފަ އެވެ. އަދި މި މުބާރާތުގެ ޖަޖުންގެ ފަރާތުން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި އިންޑިއާގެ ނިއުދީއްލީގައި އޮތް މެޖިކް ކޮންވެންޝަނެއްގައި 325 ޖާދޫގަރުންނާއި އެކު ޝަރީފް ވެސް ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ. މީގެ އިތުރުން ތައިލެންޑުގައި މި މަހު އޮތް "އިންޓަނޭޝަނަލް މެޖިކް އެކްސްޓްރަވެގަންޒާ 2022" ގައި ވެސް ޝަރީފް ވަނީ ބައިވެރިވެ މޮޅު ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ.

"އަޅުގަނޑު ބެލީ އެހެން ޖާދޫގަރުން ނުހަދާ ތަފާތު ޓްރިކެއް ދައްކާލެވޭތޯ، އެންމެންނަށްވެސް ވަރަށް ކަމުދިޔަ. ހަމަ އާޝޯހުވެފައި ތިބީ،" ޝަރީފް ކިޔައިދިނެވެ.

ޝަރީފް އަންނަނީ ހިތާނީ ހަފްލާތަކުގެ އިތުރުން ތަފާތު ޕާޓީތަކާއި ހާއްސަ މުނާސަބަތުތަކުގައި ވެސް މެޖިކް ޝޯތައް ހުށަހަޅަމުންނެވެ. ވިއެޓްނާމްގައި ހުންނަ ކްލަބް މެޖިކް ޖޭ10ގެ ޖަޖެއްގެ އިތުރުން ރާއްޖެއަށް އައްޔަނުކޮށްފައި ހުންނަ ޕްރެސިޑެންޓް މަގާމުވެސް ޝަރީފް އަދާކުރެ އެވެ.

ކްލަބް މެޖިކް ޖޭ10 އަކީ، ވިއެޓްނާމްގައި ހުންނަ އިންޓަނޭޝަނަލް މެޖިކް ކްލަބެކެވެ. މި ކްލަބްގެ ފަރާތުން އޮންލައިންކޮށް ޖާދޫ ހެދުމުގެ މުބާރާތްތައް ކުރިއަށް ގެންދެ އެވެ. މިފަދަ މުބާރާތްތަކުގައި ބައިވެރިވުމަށް ޝަރީފް ވަނީ ދިވެހި އެތައް ކުއްޖަކަށް ފުރުސަތުވެސް ހޯދައިދީފަ އެވެ.

ޝަރީފްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާގެ ހުނަރު ކުރިއަރުވައި ތަރައްގީކުރުމަށް ގޮތުން ބޭނުންވާ ތަކެތި ރާއްޖެ އިން ލިބެން ނެތުމެވެ. އެކި ގައުމުތަކުގެ ކުޅަދާނަ ޖާދޫގަރުންނަށް ދައުވަތު ދީގެން ދިވެހިރާއްޖޭގައި މެޖިކް ކޮންވެންޝަނެއް ބޭއްވުމަކީ ޝަރީފްގެ އެންމެ ބޮޑު ހުވަފެނެވެ.

"ބޭރުގެ ހުރިހާ ޖާދޫގަރުން ވެސް ތިބީ ރާއްޖެ އަންނަ ގޮތަށް. އަޅުގަނޑު އެބަ ވާހަކަދައްކަން ވަރަށް ގިނަ މީހުންނާ. އޮލިމްޕަސް ހެދުނީމަ ކޮންވެންޝަނެއް ބޭއްވުމުގެ މަސައްކަތް ފަށާނަން،" ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ޝަރީފް ހިއްސާ ކުރި އެވެ.