އެމްއޭސީއެލް

އާ ރަންވޭ ބޭނުންކުރަން ފަށައިފި

މޯ ލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ މިއަދު ބޭނުންކުރަން ފަށައިފި އެވެ.

އާ ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަށްފަހު އާ ރަންވޭއަށް ޖެއްސި ފުރަތަމަ ބޯޓަކީ ބޮއިން 777 މަރުކާގެ އެމިރޭޓްސްގެ ފުލައިޓެވެ. މިއަދު ބޭނުންކުރުން ހުއްޓާލި ކުރީގެ ރަންވޭ އިން އެންމެ ފަހުން ނައްޓާލީ ޓާކިޝް އެއާލައިންގެ ބޯޓެކެވެ.

ރަންވޭ އާއި އާ ސީޕްލޭން ޓާމިނަލް ރަސްމީކޮށް ބޭނުންކުރަން ފެށުމުގެ ގޮތުން މިއަދު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.

މަތިންދާބޯޓު ޖެއްސުމަށް އާ ރަންވޭ ބޭނުންކުރަން ފެށުމުން ފްލައިޓްތައް އެއާޕޯޓްގައި ޖެއްސުމަށާއި ޕާކް ކުރުމަށް މިހާރު ހޭދަވާ ވަގުތު ކުޑަވެގެންދާނެ އެވެ.

ވީއައިއޭގެ ކުރީގެ ރަންވޭގައި ގަޑިއިރަކު އަށް ފްލައިޓް ޖެއްސުނަސް އާ ރަންވޭގައި ގަޑިއަކު 21 ފްލައިޓް ޖެއްސޭނެ އެވެ. އާ ރަންވޭއާ އެކު ވީއައިއޭގެ އޮޕަރޭޝަނަށް ވެސް ބޮޑު ލުޔެއް ލިބޭނެ ކަމަށް އެމްއޭސީއެލް އިން ފާހަގަކުރެ އެވެ.

ގާތްގަނޑަށް 60 އަހަރުވެފައިވާ ކުރީގެ ރަންވޭ ދެން ބޭނުންކުރާނީ ފްލައިޓްތައް ޕާކްކުރާ ތަނެއްގެ ގޮތުގަ އެވެ. ބޯޓެއް އޭޕްރަން ގޮސް ކުރިން 15 މިނެޓުން ފްލައިޓެއް ޕާކް ކުރެވުނު ނަމަވެސް މިހާރު ތިން މިނެޓުން އެކަންކޮށްލެވެ އެވެ. މިބަދަލާ އެކު ބޯޓު ޖެއްސުމުގެ ކެޕޭސިޓީއަށް 38 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ އެވެ.

އާ ރަންވޭ ބޭނުންކުރުން ލަސްވެގެން އެތައް ބަޔަކު ފާޑުކިޔަން ފެށުމުން އެމްއޭސީއެލް އިން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އާ ރަންވޭ ފުރަތަމަ ބޭނުންކުރީ ޓެކްސީ ވޭއެއްގެ ގޮތުގަ އެވެ. އާ ރަންވޭގެ ކުރިން މިދިޔަ ޖޫން މަހު ވަނީ އާ ސީޕްލޭން ޓާމިނަލް ވެސް ބޭނުންކުރަން ފަށާފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަނުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އާ ރަންވޭ މިއަދު ރަސްމީކޮށް ހުޅުވިއިރު އެތަނުގައި އިންސްޓްރުމެންޓް ލޭންޑިން ސިސްޓަމް (އައިއެލްއެސް) ވެސް ގާއިމުކޮށްފި އެވެ. އާ ރަންވޭގެ ދެކޮޅުގައިވެސް އައިއެލްއެސް ގާއިމުކޮށްފައިވެ އެވެ. އައިއެލްއެސް އަކީ މޫސުން ގޯސްއިރުވެސް، ފްލައިޓް ރަންވޭގައި ޖެއްސުމަށް ޕައިލެޓަށް އެހީތެރިވެދޭ ނެވިގޭޝަން އެކެވެ. މޫސުން ގޯސްއިރު ކުރީގެ ރަންވޭ ޖައްސަން އުދަނގޫވެގެން އުޅުމަކީ އެއާލައިންތަކުން ކުރިން ވަރަށް ގިނައިން ކުރި ޝަކުވާ އެކެވެ.

އާ ރަންވޭ ހަދައި ހުޅުވީ ސެޕްޓެމްބަރު 5، 2018ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އިހްތިހާދުގެ އޭ380 ބޯޓެއް ޖައްސައި، އާ ރަންވޭ ހުޅުވި ނަމަވެސް އޭގެ ފަހުން އެތަނަށް ބޯޓު ޖައްސަން ފެށީ މިއަދު އެވެ.

ސަރުކާރުން ޗައިނާގެ އެގްޒިމް ބޭންކުން ނެގި 373 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން އާ ރަންވޭ ހަދައިދިނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. ރަންވޭގެ ދިގު މިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އާ ރަންވޭ ހަދާފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ބޯޓު ފަހަރަށް ޖެއްސޭ "ކޯޑް އެފް" ސްޓޭންޑަޑަށެވެ.