ހދ . ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ހޯމް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ މަސައްކަތް ހަވާލުކުރީ ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑަށެވެ.
މިއެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަހްމާން ސޮލާގް ރަޝީދު އެވެ. ޔުނިކް ޗޮއިސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރިޔާޒް އަލީ އެވެ.
ނޭކުރެންދޫ ޖަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފައި މިވަނީ އެ ރަށުގައި ޖަލެއް އަޅަން ބިމެއް ދީފައި އޮންނަތާ 10 އަހަރު ފަހުންނެވެ. މިހާ ދުވަސްވީ އިރުވެސް ޖަލު އެޅުމުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާތީ ނޭކުރެންދޫ ކައުންސިލާއި ނޭކުރެންދޫ ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީގެ ފާޑުވިދާޅުވުންތައް ވެސް މިދިޔަ ދުވަސްތަކުގައި ހޯމް މިނިސްޓަރު އިމްރާނަށް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ ނޭކުރެންދޫގެ ޖަލަކީ "އިންޑަސްޓްރިއަލް ޕްރިޒަން" އެއް ކަމަށެެވެ.
"އޯޕަން ޕްރިޒަމް ސިސްޓަމްގެ ތެރެއިން އެޖަލު ހިންގާނީ. އެއީ ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރުމަށް ދުނިޔޭގެ ގައުމުތަކުގައި މިހާރު ތަންފީޒު ކުރަމުން އަންނަ އެންމެ ކާމިޔާބު ސިސްޓަމް،" މިނިސްޓަރު ވިދާޅުވި އެވެ.
ނޭކުރެންދޫ ޖަލާ ގުޅޭގޮތުން ލިޔުމުން ދިން ޖަވާބު
ނޭކުރެންދޫ ޖަލުގެ މައްސަލައިގައި މިމަހުގެ ފަސްވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އިމްރާން ވިދާޅުވީ ނޭކުރެންދޫ ޖަލުގެ މަސައްކަތް ލަސްވެ ދިގުލައިގެން ދިޔައީ ކޮވިޑް 19 އާއި ގުޅިގެން ކުރިމަތިވި މާލީ ގޮންޖެހުންތަކާއެކު ޕްރޮޖެކްޓްގެ ބަޖެޓް ކުޑަކުރުމުން ކަމުގައެވެ.
މަޝްރޫއަށް މި އަހަރަށް ލިބުނީ 10 މިލިއަން ރުފިޔާ ކަމަށާއި މި އަންނަ އަހަރަށްވެސް ހަމަޖެހިފައިވަނީ 10 މިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ.
"މި މަޝްރޫއު މި ދައުރުގެ ތެރޭގައި ކުރިއަށް ގެންގޮސް ނިންމުމަށް، އުންމީދުކޮށް އެ ޓާގެޓް ހާސިލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މި ފައިސާއިން 2023 ވަނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެސްޓިމޭޓް ކުރެވެނީ ޖަލުގެ ވަށާ ފާރާއި އަދި ޖަލުގެ ކޮންސެޕްޓާއި ތަފްސީލު ކުރެހުމުގެ މަސައްކަތް" މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ނޭކުރެންދޫ ޖަލުގެ މަޝްރޫއަކީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ގައިދީން ޖަލުގައި ހޭދަކުރާ މުއްދަތުގައި އެ ފަރާތްތަކަށް ބޭނުންވާ އެކި ހުނަރުތައް ދަސްކޮށްދީ ރިހެބިލިޓޭޓްކޮށް ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ މަޝްރޫއެއް ކަމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ ނޭކުރެންދޫ ޖަލު މަޝްރޫއަކީ، ޖަލުގެ ހާލަތު ރަނގަޅުކޮށް، ތޮއްޖެހުން ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދަން ނިންމި މަޝްރޫއެކެވެ.
ނޭކުރެންދޫ ޖަލުގައި ތާރީހާއި ކޮށްފައިވާ މަސައްކަތް
އުތުރުގައި އަޅާ އެންމެ ބޮޑު ޖަލު އެޅުމަށްޓަކައި ހދ. ނޭކުރެންދޫ ކައުންސިލުން ހޯމް މިނިސްޓްރީއަށް 21 ހެކްޓަރުގެ ބިމެއް ދޫކުރީ 2012 ވަނަ އަހަރު އެވެ.
ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖު ވިދާޅުވި ގޮތުގައި މިވޭތުވެދިޔަ 10 އަހަރު ތެރޭގައި އެރަށުގައި ޖަލެއް އަޅަން ކުރި ހަމައެކަނި މަސައްކަތަކީ، ޖަލު އަޅަން ހަމަޖެހިފައިވާ ސަރަހައްދަށް ދިއުމަށްޓަކައި 50 ފޫޓު ފުޅާ އަދި ގާތްގަނޑަކަށް 4،500 ފޫޓު ދިގުމިނުގެ މަގެއް ހެދުމެވެ. އެމަގު ވެސް ކޮށާފައިވަނީ މިދިޔަ އަހަރު އެވެ.
"އެ ސަރަހައްދުން ރުއް ގަސް ކަނޑާ އެތަނުގައި އަމަލީ މަސައްކަތެއް ނުކޮށް އޮތުމަކީ އެކަމާ ރަށު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ކައުންސިލަށް ޝަކުވާ އަން މައްސަލައެއް. ބޮޑު ބިމެއް އެއްވެސް މަންފާއެއް ނުލިބި އެހެން އޮތުމަކީ އަޅުގަނޑުމެން ކައުންސިލުން ވެސް އިންތިހާއަށް ކަންބޮޑުވާ ކަމެއް،" ސިރާޖު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ނޭކުރެންދޫ ޖަލުގެ މަސައްކަތް ނިމުމާ އެކު ޖަލުން އެ ރަށުގެ އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތާއި އެހެންވެސް ބައެއް ކަހަލަ އިތުރު ފުރުސަތުތައް ފަހިވުމަކީ ނޭކުރެންދޫ ރައްޔިތުން ކުރަމުންދާ އިންތިޒާރެއް ކަމަށެވެ.
"އަނެއްކާ އެކަމަކީ މުޅި އުތުރަށްވެސް ލިބިގެންދާނެ ކުރިއެރުމެއް އަޅުގަނޑުމެން ގަބޫލުކުރަނީ،" ސިރާޖު ވިދާޅުވި އެވެ.
ނޭކުރެންދޫ ޖަލުގެ މަސައްކަތް ފަށަން 2019 ވަނަ އަހަރު ސަރުކާރުން މަސައްކަތް ކުރި އެވެ. ނަމަވެސް އެ މަސައްކަތަށް ބޭނުންވި 17.4 މިލިއަން ރުފިޔާގެ ބަޖެޓް ލިބުނީ 2020 ވަނަ އަހަރު އެވެ. އެ އަހަރު ކޮވިޑް ފެތުރުމާ ގުޅިގެން ބަޖެޓަށް ގެނައި ބަދަލުތަކާ އެކު މަސައްކަތް ހުއްޓުނީ އެވެ. ޖަލުގެ މަސައްކަތް ފެށުމަށްޓަކައި އީއައިގެ މަސައްކަތް މިދިޔަ އަހަރުގެ އޭޕްރީލް މަހު ނިންމައި ޖަލު އަޅާ ސަރަަހައްދުގައި ހުރި ރުއްތަކަށް މީގެކުރިން ބަދަލުދީފައިވެ އެވެ.