ރާއްޖޭގެ އުތުރުން ހދ. ނޭކުރެންދޫގައި ހަދާ ޖަލުގެ މަސައްކަތް ފަށަން ހޯމް މިނިސްޓްރީން ތައްޔާރު ވެއްޖެ އެވެ. -- މި ޖަލު އަޅަން ސަރުކާރުގެ ޕްލޭންތަކުގައި ގެންގުޅޭތާ 15 ވަރަަކަށް އަހަރުވެފައި ވެއެވެ.
ނޭކުރެންދޫގައި ޖަލު އަޅަން މިއަހަރުގެ ބަޖެޓުގައި ވެސް މިންވަރެއް ހިމަނާފައި ވެއެވެ. އަދި ޖަލުގެ މަސައްކަތް ފަށަން އީއައިއޭ ހަދަން މިދިޔަ އަހަރުގެ ތެރޭގައި ބަޔަކާ ހަވާލުކުރަން ވެސް އުޅުނެވެ.
އުތުރު ޖަލާބެހޭ ގޮތުން އަވަސް އިން މިއަދު ސުވާލެއް ކުރުމުން ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖަލު އިމާރާތް ކުރުމުގެ މަސައްކަތް ފަށަން ހަދާ އީއައިއޭ ނިންމާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ޖަލާ ގުޅިފައިވާ މަގުތައް ހެދުމުގެ މަސައްކަތް ކަމަށާއި މަގުތައް ސާފުކޮށް ނިމުމުން ޖަލުގެ ވަށާފާރު ރާނައިދޭނެ ބަޔަކު ހޯދަން އިއުލާނު ކުރާނެ ކަމަށެވެ.
"މަގާއި ޖަލު ހެދުމަށް ބޭނުންވާ ސަރަހައްދުން ބައެއް ރުށް ގަސް ނަގައި ބަދަލު ދޭން ޖެހޭ، އެ މަސައްކަތް ކުރިއަށް އެބަދޭ. އޭގެފަހުން ޖަލުގެ ވަށާ ފާރު ރާނައި ދޭނެ ބަޔަކު ހޯދަން އިއުލާން ކުރާނަން،" އެ އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ޖަލުތައް ހުންނަނީ މާލެ އާއި ހުޅުމާލެ އާއި ދޫނިދޫ އާއި މާފުއްޓާއި ހިންމަފުށީގަ އެވެ.
އުތުރު ޖަލާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ ޖަލަކީ ގައިދީންނަށް ކޮންމެހެން ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ލިބެން ހުންނާނެ ޖަލަކަށް ވާނެ އެވެ. އެ ޖަލު އިމާރާތް ކުރަނީ ޖަލަށްލާ މީހުން ރިހެބިލިޓޭޓްކޮށް، ތަމްރީނު ދިނުމުގެ މަސައްކަތް ކުރެވޭ ގޮތަށެވެ. އެގޮތުން ވޮކޭޝަނަަލް ޓްރޭނިން ދެވޭ ގޮތް ހުންނާނެ އެވެ.
ނޭކުރަންދޫ ޖަލުގެ މަސައްކަތް ފަށާތާ އަހަރު ދުވަހުން މަސައްކަތް ނިންމައި އެ ޖަލަށް ބަދަލު ކުރަންޖެހޭ ގައިދީން ބަދަލު ކުރާނެ އެވެ.