ހދ. ނޭކުރެންދޫގައި ޖަލެއް އަޅަން ބޮޑުބިމެއް ސަރުކާރަށް ދޫކޮށްފައި އޮންނަތާ އަހަރުތަކެއް ފާއިތުވެގެން ދިޔައިރުވެސް އެބިމުގައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީ ނޭކުރެންދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އަވަސް އަށް މައުލޫމާތު ދެެެއްވަމުން ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖް ވިދާޅުވީ އުތުރުގައި އަޅާ އެންމެ ބޮޑު ޖަލު އެޅުމަށްޓަކައި ހދ. ނޭކުރެންދޫ ކައުންސިލުން ހޯމް މިނިސްޓްރީއަށް 21 ހެކްޓަރުގެ ބިމެއް ދޫކުރީ 2012 ވަނަ އަހަރު ކަމަށެވެ.
ސިރާޖު ވިދާޅުވި ގޮތުގައި މިވޭތުވެދިޔަ 10 އަހަރު ތެރޭގައި އެރަށުގައި ޖަލެއް އަޅަން ކުރި ހަމައެކަނި މަސައްކަތަކީ، ޖަލު އަޅަން ހަމަޖެހިފައިވާ ސަރަހައްދަށް ދިއުމަށްޓަކައި 50 ފޫޓު ފުޅާ އަދި ގާތްގަނޑަކަށް 4،500 ފޫޓު ދިގުމިނުގެ މަގެއް ހެދުމެވެ. އެމަގު ކޮށާފައިވަނީ މިދިޔަ އަހަރުއެވެ.
"އެ ސަރަހައްދުން ރުއް ގަސް ކަނޑާ އެތަނުގައި އަމަލީ މަސައްކަތެއް ނުކޮށް އޮތުމަކީ އެކަމާ ރަށު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ކައުންސިލަށް ޝަކުވާ އަން މައްސަލައެއް. ބޮޑު ބިމެއް އެއްވެސް މަންފާއެއް ނުލިބި އެހެން އޮތުމަކީ އަޅުގަނޑުމެން ކައުންސިލުން ވެސް އިންތިހާއަށް ކަންބޮޑުވާ ކަމެއް،" ސިރާޖު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ނޭކުރެންދޫ ޖަލުގެ މަސައްކަތް ނިމުމާ އެކު ޖަލުން އެ ރަށުގެ އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތާއި އެހެންވެސް ބައެއް ކަހަލަ އިތުރު ފުރުސަތުތައް ފަހިވުމަކީ ނޭކުރެންދޫ ރައްޔިތުން ކުރަމުންދާ އިންތިޒާރެއް ކަމަށެވެ.
"އަނެއްކާ އެކަމަކީ މުޅި އުތުރަށްވެސް ލިބިގެންދާނެ ކުރިއެރުމެއް އަޅުގަނޑުމެން ގަބޫލުކުރަނީ،" ސިރާޖު ވިދާޅުވި އެވެ.
އުތުރު ޖަލާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވި ގޮތުގައި އެ ޖަލަކީ ގައިދީންނަށް ކޮންމެހެން ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ލިބެން ހުންނާނެ ޖަލެކެވެ. އެ ޖަލު އިމާރާތް ކުރަނީ ޖަލަށްލާ މީހުން ރިހެބިލިޓޭޓްކޮށް، ތަމްރީނު ދިނުމުގެ މަސައްކަތް ކުރެވޭ ގޮތަށެވެ.
ނޭކުރެންދޫ ޖަލުގެ މަސައްކަތް ފަށަން 2019 ވަނަ އަހަރު ސަރުކާރުން މަސައްކަތް ކުރި އެވެ. ނަމަވެސް އެ މަސައްކަތަށް ބޭނުންވާ 17.4 މިލިއަން ރުފިޔާގެ ބަޖެޓް ލިބުނީ 2020 ވަނަ އަހަރު ކަމަށާއި އެ އަހަރު ކޮވިޑް ފެތުރުމާ ގުޅިގެން ބަޖެޓަށް ގެނައި ބަދަލުތަކާ އެކު މަސައްކަތް ހުއްޓުނީ ކަމުގައިވެސް ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި ޖަލުގެ މަސައްކަތް ފެށުމަށް އީއައިގެ މަސައްކަތް މިދިޔަ އަހަރުގެ އޭޕްރީލް މަހު ނިންމައި ޖަލު އަޅާ ސަރަަހައްދުގައި ރުއްތަކަށް ބަދަލު ވެސް ވަނީ ދީފަ އެވެ.
"އެއަށްފަހު މުޅި ޖަލުގެ ޑީޓެއިލްސް ޑްރޯވިންްގްއެއް ނުވަތަ ކޮންސެޕްޓެއް ޑިވޮލޮޕް ކުރުމަށްޓަކައި މިހާރު ވަނީ ސިޔާކް މޯލްޑިވްސްއާ ހަވާލުކޮށްފައި. އެ މަސައްކަތް އެބޭފުޅުން ދަނީ ކުރައްވަމުން،" ނޭކުރެންދޫ ޖަލާ ގުޅޭގޮތުން މަޖިލީހުގައި އިމްރާން ވިދާޅުވި އެވެ.