ނޭކުރެންދޫ ޖަލު

ނޭކުރެންދޫ ޖަލުގެ އަޕްޑޭޓެއް ދީފި

ރާއްޖޭގެ އުތުރުން ހދ. ނޭކުރެންދޫގައި ހަދާ ޖަލުގެ މަސައްކަތްތަކުގެ އަޕްޑޭޓެއް ދީފި އެވެ.

ނޭކުރެންދޫގައި ޖަލު އަޅަން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން އެންމެ ފަހުގެ އަޕްޑޭޓް ހޯދަން އެ ރަށް ތަމްސީލު ކުރައްވާ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެދިވަޑައިގަތުމުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވަނީ މަޖިލީހަށް ހާޒިރުވެ ޖަވާބު ދެއްވާފަ އެވެ.

އިމްރާން ވިދާޅުވީ ނޭކުރެންދޫ ޖަލުގެ މަސައްކަތަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަން ބޭނުންވާ ކަމެއް ކަމަށާއި ނަމަވެސް ބަޖެޓާއި އެހެނިހެން މައްސަލަތަކާ ހެދި އެދެވޭ ސްޕީޑްގައި އެ މަޝްރޫއު ކުރިއަށް ނުދާ ކަަމަށެވެ.

އިމްރާން ވިދާޅުވީ ޖަލުގެ މަސައްކަތް ފަށަން 2019 ވަނަ އަހަރު ވެސް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ މަސައްކަތަށް ބަޖެޓު ލިބުނީ 2020 ވަނަ އަހަރު ކަމަށެވެ. އެކަމަށް 17.4 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބުނެވެ.

އެކަމަކު ކޮވިޑް ފެތުރެމުން ދިއުމުގެ ސަަބަބުން ބަޖެޓަށް ގެނައި ބަދަލާއެކު އެ މަސައްކަތް ކުރިއަށް ނުދިޔަ ކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވީ ޖަލުގެ މަސައްކަތް ފެށުމަށް އީއައިގެ މަސައްކަތް މިދިޔަ އަހަރުގެ އޭޕްރީލް މަހު ނިންމައި ޖަލު އަޅާ ސަރަަހައްދުގައި ރުއްތަކަށް ބަދަލު ވެސް ދީފައިވާ ކަމަށެވެ.

"އެއަށްފަހު މުޅި ޖަލުގެ ޑީޓެއިލްސް ޑްރޯވިންްގްއެއް ނުވަތަ ކޮންސެޕްޓެއް ޑިވޮލޮޕް ކުރުމަށްޓަކައި މިހާރު ވަނީ ސިޔާކް މޯލްޑިވްސްއާ ހަވާލުކޮށްފައި. އެ މަސައްކަތް އެބޭފުޅުން ދަނީ ކުރައްވަމުން،" އިމްރާން ވިދާޅުވި އެވެ.