އިމްރާން އަބްދުﷲ

ނޭކުރެންދޫ ޖަލު މި ދައުރުގައި ނުނިމޭނެ: އިމްރާން

ހދ. ނޭކުރެންދޫ ޖަލުގެ މަސައްކަތް މި ދައުރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ނުބެލެވޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ ނޭކުރެންދޫ ކަރެކްޝަނަލް ސެންޓަރުގެ މަޝްރޫއާ ގުޅޭ ގޮތުން ލިޔުމުން ޖަވާބު ހޯދުމަށް މިނިސްޓަރު އިމްރާން އަބްދުﷲއާ މަޖިލީހުގައި ސުވާލުކުރައްވާފަ އެވެ. އެގޮތުން މި ވެރިކަމުގައި މަސައްކަތް ނިންމާލެވޭނެތޯ ސުވާލުކުރައްވާފައިވެ އެވެ. އަދި އެކަމުގައި އިތުރުފުޅެއް ހައްދަވާފައިވާނެތޯ ވެސް އައްސަވާފައިވެ އެވެ.

ލިޔުމުން މިއަދު މަޖިލީހަށް ދެއްވި ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ނޭކުރެންދޫ ޖަލުގެ މަސައްކަތް ލަސްވެ ދިގުލައިގެން ދިޔައީ ކޮވިޑް 19 އާއި ގުޅިގެން ކުރިމަތިވި މާލީ ގޮންޖެހުންތަކާއެކު ޕްރޮޖެކްޓްގެ ބަޖެޓް ކުޑަކުރުމުން ކަމުގައެވެ.

މަޝްރޫއަށް މި އަހަރަށް ލިބުނީ 10 މިލިއަން ރުފިޔާ ކަމަށާއި މި އަންނަ އަހަރަށްވެސް ހަމަޖެހިފައިވަނީ 10 މިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ.

"މި މަޝްރޫއު މި ދައުރުގެ ތެރޭގައި ކުރިއަށް ގެންގޮސް ނިންމުމަށް، އުންމީދުކޮށް އެޓާގެޓް ހާސިލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މި ފައިސާއިން 2023 ވަނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެސްޓިމޭޓް ކުރެވެނީ ޖަލުގެ ވަށާ ފާރާއި އަދި ޖަލުގެ ކޮންސެޕްޓާއި ތަފްސީލު ކުރެހުމުގެ މަސައްކަތް" މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ނޭކުރެންދޫ ޖަލުގެ މަޝްރޫއަކީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ގައިދީން ޖަލުގައި ހޭދަކުރާ މުއްދަތުގައި އެ ފަރާތްތަކަށް ބޭނުންވާ އެކި ހުނަރުތައް ދަސްކޮށްދީ ރިހެބިލިޓޭޓްކޮށް ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ މަޝްރޫއެއް ކަމަށެވެ. މިދައުރުގެ ތެރޭގައި މަސައްކަތް ނިންމާ ނުލެވުނު ނަމަވެސް ކުރިއަށް އޮތް ދައުރުގައި މަޝްރޫއު ހުއްޓާ ނުލައި ކުރިއަށް ގެންގޮސް ނިންމާލާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ނޭކުރެންދޫ ޖަލާ ގުޅޭ ގޮތުން އެއްވެސް އިތުރުފުޅެއް ހައްދަވާފައި ނުވާނެ ކަމުގެ ޔަގީންކަންވެސް އިމްރާން ދެއްވެވި އެވެ.

އިމްރާން ވިދާޅުވީ ނޭކުރެންދޫ ޖަލު މަޝްރޫއަކީ، ޖަލުގެ ހާލަތު ރަނގަޅުކޮށް، ތޮއްޖެހުން ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދަން ނިންމި މަޝްރޫއެކެވެ. ނޭކުރެންދޫ ޖަލު ހަދާ ސަރަހައްދުގެ އީއައިއޭ ހެދުމާއި ޖަލާއި ގުޅިފައިވާ ދެ މަގު ހެދުމުގެ މަސައްކަތް ކުރެވިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ. މީގެއިތުރުން ޖަލު ސަރަހައްދުގައި ހުރި ރުއް ގަހަށް ބަދަލު ދިނުންވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވަނީ ރުއްގަހަށް ބަދަލު ދިނުމަށް ހޭދަވި އަދަދާއި އީއައިއޭއަށް އިއުލާނު ކުރެވުނު ތާރީހާއި އަގުގެ އިތުރުން ގިނަ ތަފްސީލުތަކެއް ވެސް ހިއްސާކުރައްވާފަ އެވެ.

މިނިސްޓަރުގެ ޖަވާބާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މެންބަރު މުހައްމަދު ރާއީ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވީ ވަރަށް ސާފު، ސާދާ ކުރު ސުވާލެއް ކަމަށާއި ނަމަވެސް މިނިސްޓަރު ޖަވާބުގައި ފޮނުއްވީ "އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކަ" ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިތަނުގައި [ރައްޔިތުންގެ މަޖިލީހުގައި] މިހުރިހާ ތަފާސްހިސާބު ކިޔުއްވަން ޖައްސުވާ، އަދި އެ ކިޔާ ނިމުނުއިރުގައި މިއީ އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކައަށްވެ ދިޔުން." ނަޝީދު ވިދާޅުވި އެވެ. "އެ ވާހަކައިގައި ވީ ގޮތް އެނގިވަޑައިގަންނަވާނެ. މި އޮތީ ހަމަ ސީދާ އެގޮތްވެފައި." ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގެ މެންބަރުންވެސް އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކަ ކިޔުއްވާފައިވާނެ ކަމަށެވެ.