ރާއްޖޭގައި ކުށްކުރާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ބިދޭސީން ނިސްބަތްވާ ގައުމުތަކުން ރާއްޖޭގައި ގާއިމުކޮށްފައި ހުންނަ އެމްބަސީތަކުން އެއްބާރުލުން ނުލިބޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގަ އެވެ.
އިބްރާހީމް ރަޝީދުގެ ސުވާލު
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ބިދޭސީ ކުށްވެރިން ފޮނުވާލުމަށް އެމްބަސީތަކުގެ އެއްބާރުލުން ނުލިބޭތީވެ ބިދޭސީން ބޭތިއްބުމަށް ހަދާފައިވާ ޑިޓެންޝަން ފެސިލިޓީގައި ޖާގައިގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ.
"ޑިޓެންޝަން ސެންޓަރަށް ޖާގައިގެ މައްސަލަ ދިމާވެދާނެތީ އެކަމަށް ހައްލު ހޯދުމަށް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރިއަށްދޭ. ޕްރިޒަން ކޮމްޕްލެކްސް މަޝްރޫއުގެ ދަށުން ވެސް ޖާގަ އިތުރުކުރާނެ،" އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީން ބޮޑެތި ކުށްތަކުގައި ބައިވެރިވުން އިތުރުވެފައިވާ ކަމަށާއި ވަކިން ބޮޑަށް ޖުވާ ކުޅުމާއި ހަށިވިއްކުމުގައި ބިދޭސީން ބައިވެރިވާ މިންވަރު އިތުރު ކަމަށެވެ. ބިދޭސީން ބައިވެރިވާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ ހިއުމަން ޓްރެފިކިންއާއި ސްމަގުލް ކުރުމުގެ ކުށްތައް ކުރިން ފާހަގަކުރެވި ކުށަށް އަރައިގަތުމުގެ ކުރިން ހުއްޓުވާފައިވެސް އެބަހުރި ކަމަށެވެ.
ދިވެހިންނާ ސީދާ ގުޅުންހުރި މަސައްކަތްތައް ބިދޭސީން ކުރާތީ އެކަން ހުއްޓުވަން ފުލުހުން ހާއްސަ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށާއި ނަމަވެސް ނަމަވެސް ދިވެހިންނާ ގުޅޭ އިގްތިސާދީ މަސައްކަތްތަކުގައި ބިދޭސީން އުޅޭތީ އެފަދަ ކަންކަން ހުއްޓުވަން ބައެއް ފިޔަވަޅުތައް އަޅާފައި ހުރި ކަމުގައިވެސް އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކުށްކުރާ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވާލަން ބަލާއިރު އެމްބަސީތަކުގެ އެއްބާރުލުން ނުލިބުމުގެ އިތުރުން ދައުލަތުގެ އެހެން އިދާރާތަކާ ގުޅިގެން ބައެއް މަސައްކަތްތައް ކުރަންޖެހޭތީ އެކަމުގައި ދަތިތަކާ ލަސްތައް ކުރިމަތިވާ ކަމަށެވެ.