މި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރާނެތޯ ސާފުކޮށްދޭން އެދިއްޖެ އެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމާމެދު ސަރުކާރުގެ ވިސްނުން ސާފުކޮށްދެއްވުމަށް އެދިވަޑައިގެންނެވީ ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް އެވެ.
ތޯރިގް މިރޭ ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމާމެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ބެލުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށައަޅުއްވާފައިވާ ކަމަށެވެ. ތޯރިގް އެދިވަޑައިގެންފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުކުމް ތަންފީޒު ކުރުމަށް އިސްލާމީ ޝަރީއަތުގައި ވާ ގޮތުގެ މަތީން ހުރިހާ އިޖުރާއަތްތައް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގައި މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސާފުކޮށް ދެއްވުމަށެވެ.
ތޯރިގް ވިދާޅުވީ ރަމަޞާން މަހުގެ ފަހު 10ގެ ތެރޭގައި މި މައްސަލަ އެޖެންޑާ ކޮއްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ވިދާޅުވި އެވެ. އޭރު ނިންމާފައިވަނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެންނެވެ. އަދި މަރުގެ އަދަބު ދިނުމާ ގަވާއިދެއް ވެސް އޭރުގެ ސަރުކާރުން އެކުލަވާލާފައިވެ އެވެ. އެ ގަވާއިދުގައިވާ ގޮތުގައި މަރުގެ އަދަބު ދިނުމުގެ ކުރިން ގިނަ އިޖުރާއަތްތަކެއް ނޫނީ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހެ އެވެ. ނަމަވެސް އެ ސަރުކާރު ބަދަލުވެގެން ދިޔައިރުވެސް އެކަމަށް އަަމަލީ ސިފަ ނެގެވިފައެއް ނުވެއެވެ.
މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް
އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވި، ގ. ރީފް މުހައްމަދު ނަބީލެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލާފައި އޮތް އޮތުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އެޓާނީ ޖެނެރަލް ވަނީ ބޭރު ދުނިޔެއަށް ދެއްވާފައެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަމަށް ފޮރިން މިނިސްޓްރީން 2018 ވަަނަ ވަނީ ބުނެފައެވެ. އެއީ މި ސަރުކާރު ވެރިކަމަށް އައިފަހުންނެވެ.
އޭރު ފޮރިން މިނިސްޓްރީން ބުނެފައިވަނީ، 65 އަހަރު ވަންދެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތް އުތުން މި ސަރުކާރުން ދަމަހައްޓާނެ ކަމަށެވެ. އަދި އދ. ޖެނެރަލް އެސެމްބްލީގައި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ހުށަހަޅާފައިވާ ގަރާރަށް ރާއްޖޭން ތާއީދު ކުރާނެ ކަމަށެވެ. މި ސަރުކާރަށް އިލްމުވެރިންނާއި އާންމުންގެ އެންމެ ބޮޑު ފާޑުކިޔުމެއް އޭރު އަމާޒުވީވެސް އެކަމާއި ގުޅިގެންނެވެ.