ނޭކުރެންދޫ ޖަލު

ނޭކުރަންދޫ ޖަލާ ގުޅޭގޮތުން އިމްރާންއާ ސުވާލުކުރަނީ

ރާއްޖޭގެ އުތުރުން ހދ. ނޭކުރެންދޫގައި ހަދާ ޖަލުގެ މަސައްކަތްތަކާ ގުޅޭގޮތުން ހޯމް މިނިސްޓަރާ އިމްރާން އަބްދުﷲއާ ސުވާލުކުރަން ނިންމައިފި އެވެ.

ޖަލާ ގުޅޭ ގޮތުން ސުވާލުކުރަން ހުށަހެޅުއްވީ ނޭކުރަންދޫ ހިމެނޭ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ.

ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ނޭކުރަންދޫގައި ޖަލެއް އަޅަން ނިންމީ 2019 ވަނަ އަަހަރު އެވެ.

ރާއީ އެދިވަޑައިގެންފައިވަނީ އެ ޖަލު އެޅުމަށް މިހާތަނަށް ކޮށްފައިވާ އަމަލީ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށެވެ. އަދި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ބަޖެޓުކުރާ ފައިސާއިން އެކަން ކުރުމަށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލެވެ.

ނޭކުރެންދޫގައި ޖަލު އަޅަން މިއަހަރުގެ ބަޖެޓުގައި ވެސް މިންވަރެއް ހިމަނާފައި ވެއެވެ.

ހޯމް މިނިސްޓްރީން މިދިޔަ މަހު ބުނީ ނޭކުރަންދޫގައި ޖަލު އެޅުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅޭ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ވެސް ނިންމާފައިވާ ކަމަށާއި އަދި މިހާރު ކުރިއަށް ދަނީ ޖަލާ ގުޅިފައިވާ މަގުތައް ހެދުމުގެ މަސައްކަތް ކަމަށާއި މަގުތައް ސާފުކޮށް ނިމުމުން ޖަލުގެ ވަށާފާރު ރާނައިދޭނެ ބަޔަކު ހޯދަން އިއުލާނު ކުރާނެ ކަމަށެވެ.

އުތުރު ޖަލާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ ޖަލަކީ ގައިދީންނަށް ކޮންމެހެން ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ލިބެން ހުންނާނެ ޖަލަކަށް ވާނެ އެވެ. އެ ޖަލު އިމާރާތް ކުރަނީ ޖަލަށްލާ މީހުން ރިހެބިލިޓޭޓްކޮށް، ތަމްރީނު ދިނުމުގެ މަސައްކަތް ކުރެވޭ ގޮތަށެވެ. އެގޮތުން ވޮކޭޝަނަަލް ޓްރޭނިން ދެވޭ ގޮތް ހުންނާނެ އެވެ.

ނޭކުރަންދޫ ޖަލުގެ މަސައްކަތް ފަށާތާ އަހަރު ދުވަހުން މަސައްކަތް ނިންމައި އެ ޖަލަށް ބަދަލު ކުރަންޖެހޭ ގައިދީން ބަދަލު ކުރާނެ އެވެ.