އިމްރާން އަބްދުﷲ

އިމްރާން ހަދަނީ ދޮގު، ކުރަނީ ފުރައްސާރަ: ރާއީ

ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިތުރުފުޅު ހެއްދެވި ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ތުހުމަތު ކުރައްވައިފި އެވެ.

އިމްރާން މިއަދު މަޖިލީހަށް ހާޒިރު ކުރީ ވެސް ރާއީ އެނާއާ ސުވާލު ކުރަން އެދިވަޑައިގަތުމުންނެވެ. އެގޮތުން ރާއީ ތަމްސީލު ކުރައްވާ ހދ. ނޭކުރެންދޫގައި އަޅަން ނިންމާފައިވާ ޖަލުގެ އެންމެ ފަހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އަޕްޑޭޓެއް ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި އިމްރާން މިއަދު ވިދާޅުވީ ޖަލުގެ މަސައްކަތް ފެށުމުގެ ގޮތުން އީއިއޭ ހަދައި ޖަލު އަޅާ ސަރަހައްދުހުރި ރުއްގަހަށް ބަަދަލު ވެސް ދީފައިވާ ކަމަށެވެ.

ނަމަވެސް ރާއީ މިއަދު މަޖިލީހުގައި ވިދާޅުވީ ބަދަލު ދިން ކަމަށް އިމްރާން ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި އެއީ ހެއްދެވި ގޮދެއް ކަމަށެވެ.

"ނޭކުރެންދޫ ރައްޔިތުންނަށް އަޅުގަނޑު މި ބުނަނީ ކަނޑައެޅިގެން ދޮގޭ މިއަދު ވެސް [މިނިސްޓަރު] ހެއްދެވީ. ކައުންސިލުން މިއަދު ވެސް ބުނެފައި އެބައޮތް އަޅުގަނޑު ކައިރީގައި ރުށްގަހަށް ބަދަލު ނުދެވިގެން މަސައްކަތް އޮތީ ހުއްޓިފައޭ." ރާއީ ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ އިމްރާން މަޖިލީހުގައި ސުވާލުތަށް ޖަވާބު ދެއްވި ނަމަވެސް ދެއްވަނީ ފުރައްސާރައިގެ ޖަވާބުތަކެއް ކަމަށެވެ.