މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ކުޑަކުދިންނަށް ކުރާ އަނިޔާ: 30 ދުވަހު 100 މައްސަލަ

ޖެންޑާ މިނިސްޓަރީއަށް އޮގަސްޓް މަހު ހުށަހެޅި އެކި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅައި އަދި ބަލަން ފަށައިފައި ވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމު ކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓް މަހު ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާ ކޮށްގެން 100 މައްސަލައެއް ހުށަހެޅުމުން ވަނީ ބަލަން ފަށާފަ އެވެ. މީގެތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް އިހުމާލުވި މައްސަލަތަކެވެ. އެ ބާވަތުގެ 33 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

ގެވެށި އަނިޔާކުރާ ތަން ކުއްޖަކަށް ދެއްކުމުގެ 11 މައްސަލައެއް އެ މަހު ހުށަހަޅާފައިވާއިރު ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 24 މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ. ޖިސްމާނީ ހާނިއްކައިގެ 15 މައްސަލަ އަދި ކުދިންނަށް ނަފްސާނީ ހާނިއްކޮށްގެން ހަ މައްސަލައެއް ވަނީ ހުށަހަޅައި ބަލަން ފަށާފަ އެވެ.

ކުޑަކުއްޖަކު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލައެއް އޮގަސްޓް މަހު ރިޕޯޓްކޮށްފައިވެ އެވެ. އެހެން ކުދިންގެ ފަރާތުން ބުލީވުމުގެ ހަަތަރު މައްސަލަ، ބްލެކްމެއިލް ކުރުމުގެ ދެ މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ބުލީކުރުމުގެ އެއް މައްސަލަ އަދި އެހެނިހެން ތިން މައްސަލައް ހުށަހެޅި ބަލަން ފަށައިފި އެވެ.

މީގެ އިތުރުން ތަފާސްހިސާބުން ދައްކާ ގޮތުގައި މީހަކު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 41 މައްސަލައެއް އޮގަސްޓް މަހު ބަލަން ފަށާފައިވެ އެވެ. މީގެތެރޭގައި ޖިސްމާނީ އަނިޔާކުރުމުގެ 14 މައްސަލަ ހިމެނެ އެވެ.

ޖެންޑާ މިނިސްޓްރީއަށް އޮގަސްޓްގައި ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 12 މައްސަލަ ވެސް ހިމެނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 33 މައްސަލައެއް ވެސް ހުށަހަޅާފައި ވެއެވެ.

ޖެންޑާ މިނިސްޓްރީން އާންމުކޮށް ނެރޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަބަދުވެސް އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ.