ބޯހިޔާވަހިކަން

ގޯއްޗާއި ފްލެޓް ހޯދަން 35،861 ފޯމު

ރަ އީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ވަގުތު ހަމަވިއިރު 35،861 ފޯމު ހުށަހަޅައިފި އެވެ.

މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ ޖޫން 26 ވަނަ ދުވަހު އެވެ.

މާލޭގެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯއްޗަށް 15،164 ފޯމު ހުށަހަޅާފައިވާއިރު 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.

އުސޫލަށް ބަދަލު ގެނެސް އިތުރު ވަގުތު ދިން

މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރަން ސަރުކާރުން ހުޅުވާލީ އެކަމަށް ހާއްސަ އުސޫލެއް ހަދައި އަދި ފޯމު ހުށަހެޅުމަށް އޮންލައިން ޕޯޓަލްއެއް ތައްޔާރުކުރުމަށްފަހު އެވެ.

މާލޭގެ ރައްޔިތުން ގޯތި ދޫކުރުމަށް އެންމެ ފުރަތަމަ އެކުލަވާލި އުސޫލަށް ޕްލޭނިން މިނިސްޓްރީން ފަހުން ލުއި ދިނުމަށްފަހު ފޯމު ހުށަހެޅުމަށް އިތުރު ވަގުތު ވެސް ދިނެވެ. ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ސަރުކާރުން ހުޅުވާލީ މިއަހަރުގެ ޖޫން 26 ވަނަ ދުވަހު އެވެ.

ފުރަތަމަ ފޯމު ހުށަހެޅުމަށް ހުޅުވާލީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. ފަހުން އިތުރުުކުރި ވަގުތު ހަމަވީ ރޭގެ 12:00 ޖެހުމާ ހަމައަށެވެ. އުސޫލު ކުރިން އޮތް ގޮތުން މާލޭގެ ރައްޔިތުންގެ ގޮތުގައި ބެލީ މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި އެއްވެސް އިރަކު ރަޖިސްޓްރީވެފައި ނުވާ މީހުން ނެވެ.

އެ މިނިސްޓްރީން ފަހުން ގެނައި އިސްލާހުގައި ވަނީ ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދަކާ ގުޅިގެން އެހެން ތަނެއްގެ ރަޖިސްޓްރީގައި ކުރިން އޮތް ނަމަވެސް އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ނަމަ އަދި އެ މީހަކު މިހާރު އަނެއްކާވެސް މާލޭ ރަޖިސްޓްރީގައި ހިމަނާފައި އޮތް ނަމަ އެ މީހަކީ މާލޭ މީހެއް ކަމަށް ބަލާނެ ކަމަށެވެ.

ދޫކުރާ ގޯތީގެ ބޮޑުމިން

ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.

ރައީސް ސޯލިހް ކުރިން ވިދާޅުވި ގޮތުގައި މިފަހަރު ގޯތި ދޫކުރާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ. ގިރާވަރު ފަޅު ހިއްާ އެތަނުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުުރުމުގެ ޕްލޭނެއް ވެސް ސަރުކާރުން ގެންގުޅެ އެވެ.