ހައުސިން މިނިސްޓްރީ

ފްލެޓް ލިސްޓް ގޯސްވެގެން ހަޅޭއްލެވީ 10 މީހުން: އަކުރަމް

ޕެޓިޝަން ކޮމިޓީގައި އަކްރަމް އާއި އާރިފް ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް
0%
0%
0%

ފްލެޓް ލިސްޓް ގޯސްވެގެން ހައުސިން މިނިސްޓްރީއަށް ވަދެ ހަޅޭއްލެވީ 10 ވަރަކަށް މީހުން ކަމަށް މިދިޔަ ސަރުކާރުގައި ދޫކުރަން ނިންމި ފްލެޓައް ދޫކުރުމާ ގުޅޭ މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައި އޮތް ފްލެޓް ކޮމިޓީގެ ޗެއާމަން އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ފްލެޓްތަކާ ގުޅިގެން ޖެހިފައި ހުރި މައްސަލަތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް މިއަދު ހާޒިރުކުރީ ހައުސިން މިނިސްޓްރީގެ އިސް ދެ ވެރިން ކަމަށްވާ ސްޓޭޓް މިނިސްޓަރު އަކްރަމްގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް އެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ހުޅުމާލޭގައި ހަދަމުން ދިޔަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކުރުމާ އެކު ލިސްޓް ގޯސްވެގެން މިނިސްޓްރީއަށް އައިސް ހަޅޭއްލެވީ 10 ވަރަކަށް މީހުން ކަމަށެވެ.

"ނުރުހުން ފާޅުކުރަން ގާތްގަނޑަކަށް އޭގައި ތިބީ އަސްލު 10 ވަރަކަށް ފަރާތް. ދެން ގިނައީ އެކި މީޑިއާތައް އިނގޭތޯ،" އަކްރަމް ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުގައި ފްލެޓް ދޫކުރަން ކޮށްފައިވާ މަސައްކަތްތައް ދިފާއު ކުރައްވައި އަކްރަމް ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓް ނެރުމާއެކު އާންމުންގެ ޝަކުވާތަކެއް ހުރުމުން އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެދިވަޑައިގަތުމަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފަހުން އޭސީސީ އިން ވެސް އެގޮތަށް އެދުނު ކަމަށެވެ. ފްލެޓް ހަވާލުކުރަން ގުރުއަތުލީ ރައީސް ސޯލިހާއި އޭސީސީ އިން އެދުނު ގޮތަށް ޝަކުވާތައް ބެލުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.

ޕެޓިޝަން ކޮމިޓީގައި އަކްރަމް އާއި އާރިފް ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

އަކްރަމް ވިދާޅުވީ ފްލެޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލުމުން 7،000 އަށް ވުރެ ގިނަ ޝަކުވާ ލިބުނުއިރު އެންމެ ގިނައިން ހުށަހަޅާފައި ހުރީ މާލޭގައި ދިރިއުޅުނު މުއްދަތާ ގުޅޭ ޝަކުވާ ކަމަށާއި އެއީ ފްލެޓް ލިބުމަށް ޕޮއިންޓް ދިނުމަށް ބޭނުން ކުރާ އެއްޗެއް ނޫން ކަމަށެވެ. މުއްދަތު ބެލީ ހަމައެކަނި ފްލެޓް ލިބޭ ޝަރުތެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި އެވެ.

އަކްރަމް މިއަދު ވިދާޅުވި ގޮތުގައި ފްލެތް ހަވާލުކުރުން އޭސީސީ އިން ހުއްޓުވީ މިދިޔަ ނޮވެމްބަރު 15 ވަނަ ދުވަހުގެ ރޭ ގުރުއަތު ލައިގެން 4،000 ފްލެޓް ލިބޭ މީހުން ކަނޑައަޅާފައި ވަނިކޮށެވެ.

"އަނެއް ދުވަހު [ނޮވެމްބަރު 16 ވަަނަ ދުވަހު] އޮފީހަށް އައިސް ގާތްގަނޑަކަށް 10:00 ހާއިރު ސެކްޝަނަށް އޭސީސީގެ ސިޓީއެއް އައީ ފްލެޓްގެ ކަންކަން ހުއްޓާލަން. އޭގައި އަވަސްވެސް ޖަހާފައެއް ނެތް. އޭރު އެކަން އޮތީ ނިންމާފައި،" އަކްރަމު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމަކާ ހަވާލާދެއްވާ އަކްރަމް އިތުރަށް ވިދާޅުވީ ފްލެޓް ހަވާލުކުރުން އޭސީސީއަށް ނުހުއްޓުވޭނެ ކަމަށެވެ. ނަމަވެސް މައްސަލައެއް އުޅޭނަމަ ބެލުން އެއީ އޭސީސީއަށް އޮތް ބާރެއް ކަމަށްވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910