މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގޯތި ލިސްޓުގައި އަނެއްކާވެސް އިންޑިއާ މީހެއް

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި އިންޑިއާގެ އިތުރު މީހަކު ހިމެނޭކަން ހާމަވެއްޖެ އެވެ.

ޝަރުތު ހަމަވެ ގޯތި ލިބޭ މީހުންގެ ތެރޭގައި ހިމެނޭ މި މީހާއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އިންޑިއާގެ މި މީހާއަކީ ރާއްޖޭގެ ސިޓިޒަންޝިޕްވެސް ހޯދާފައިވާ މީހެކެވެ.

އެ މީހާއަށް 69 ޕޮއިންޓް ލިބިފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ވަގުތީ ލިސްޓުގައި އިންޑިއާ މީހެއްގެ ނަން އޮތް މައްސަލަ މީގެ ކުރިންވެސް ވަނީ ފެންމަތިވެފަ އެވެ.

ލިސްޓުގައި އެ މީހާގެ ނަން އޮތީ ޝަރުތުހަމަވާ، އިތުރު މީހަކާ ޖޮއިންޓްވުމުން ގޯތި ލިބުމުގެ ފުރުސަތު ލިބޭ ބައިގަ އެވެ.

އެ މައްސަލައިގައި ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ އިންޑިއާ މީހެއްގެ ނަން ލިސްޓުގައި އޮތީ އޮޅުމަކުން ކަމަށާއި ދާއިމީ ލިސްޓް އާމުކުރާ އިރު އެކަން އިސްލާހުކުރާނެ ކަމާށެވެ.

ސަރުކާރުން ހިންގާ ބިންވެރިއާ ޕްރޮގުރާމުގެ ދަށުން ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކުރީ ހޯމަ ދުވަހު އެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.