ޕީޕީއެމް

މާލޭ ރައްޔިތުންނަށް ގޯތިތައް ބަހާލީ ހަމައެއް އުސޫލެއް ނެތި: ޕީޕީއެމް

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ދޫކުރުމުގައި ހަމަހަމަކަމެއް އިންސާފެއްނެތް ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އިއްޔެ އާންމުކޮށްފައިވާއިރު އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބަށް 75 ދުވަހަށްވުރެ ގާތްވެފައިވަނިކޮށް މާލޭ ސަރަހައްދުގައިވާ ދިވެހި ރައްޔިތުންގެ ބިންތައް އެންމެ ހައްގުވެރިންނަށް ބެލުމެއް ނެތި ނަހަމަ ގޮތުގައި ބަހާލުމުން ކަންބޮޑުވާ ކަމަށެވެ.

މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގި ސިޔާސީ އަމަލެއްގެ ގޮތުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ގަބޫލުކުރެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭ ސަރަހައްދުން ހިއްކި ބިންތައް މި ސަރުކާރުން ބޮޑުންނަށް ބަހާލީ ކަމަށް އެ ކޯލިޝަނުން ތުހުމަތު ކުރެ އެވެ.

"ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި މާލޭ ސަރަހައްދުން ހިއްކާފައިވާ ބިންތަކުގައި ހުސްކޮށް ބިން ކޮޅެއް އޮތްނަމަ އެބިންތައް ވަނީ އެއްވެސް އިންސާފެއް ނެތި އިބްރާހީމް މުހައްމަދު ސާލިހްގެ ގާތް މީހުންނާއި ސަރުކާރުގެ ބޮޑުންނަށް ބަހާލާފަ،" ޕީޕީއެމް އިން ބުނެފައިވެ އެވެ.

އޭގެ ތެރޭގައި ހުޅުމާލެ ފޭސް އެކަކާއި ފޭސް ދެއެއް އަދި ގުޅީފަޅުގެ އިތުރުން އަދި ހިއްކުމުގެ އީޕީއޭވެސް ހާދަފައި ނުވާ ސަރަޙައްދުތައް ހިމެނޭ ކަމަށްވެސް ޕީޕީއެމް އިން ބުނެ އެވެ.

ޕީޕީއެމް އިން ބުނީ ގޯތި ބެހުމުގައި މި ސަރުކާރުގެ އެއްވެސް އިންސާފުވެރިކަމެއް ނެތް ކަމަށެވެ.

މި ސަރުކާރުގެ 20،000 ފްލެޓުގެ ވައުދު ފުއްދުމަށް ކުރެވުނު މަސައްކަތެއް ނެތް ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެތައް ފްލެޓެއް ހުސްކޮށް އެއްވެސް ރައްޔިތަކަށް ނުދީ އެތަންތަން ނިންމުމަށްވެސް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.

ގޯތި ބެހުމުގައި ހިންގި ކަންކަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާޢި ކަމާބެހޭ މުއައްސަސާތަކުން ބެލުމަށް ޕީޕީއެމުން ވަނީ ގޮވާލާފަ އެވެ.

"ރާއްޖޭގެ އެތައް ރައްޔިތަކު ބާކީކޮށް ގާތް އެކުވެރިންނާއި ސަރުކާރުގެ ބޮޑުންނަށް ބިންތައް ބަހާލުމާއި، ހިއްކާފައި ނުވާ ސަރަޙައްދުތަކަކުން ގޯތި ހަމަޖައްސައިދީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ހިންގާފައިވާ ޖަރީމާތައް އޭސީސީއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ބެލުމަށް ގޮވާލަމެވެ،" އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމްގެ ނޫސްބަޔާނުގައި ވަނީ ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގެންފިނަމަ ބޯހިޔާވަހިކަމުގެ ބޭނުން ޖެހިފައިވާ ކޮންމެ ދިވެއްސަކަށް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.