މަޖީދީ މަގުގައި އަރަބިއްޔާ ހިންގި ބިމާއި އަމީނީ މަގަށްވާ ގޮތަށް ހުރި ގާކޮށި ބިމުގައި ހަދާފައިވާ ފްލެޓްތަކުގެ އަގު ބޮޑުވީ ނިމިދިޔަ ސަރުކާރުގައި ހުންނެވި ހައުސިން މިނިސްޓަރު އަދި މިހާރު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހެއްދެވި "ޑީލެއް"ގެ ސަބަބުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
އަރަބިއްޔާ އަދި ގާކޮށި ބިމުގައި ހަދާފައިވާ ފްލެޓްތަކުގެ މަސައްކަތް ފެށީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.
ޕްލޭނިން މިނިސްޓްރީން މިހެން ބުނެފައި މިވަނީ މުއިއްޒުގެ ކެމްޕޭން ޖަލްސާއެއްގައި އެ ފްލެޓްތަކުގެ ކުލި ކުޑަކުރެއްވުމަށް ވައުދުވެވަޑައިގަތުމާ ގުޅިގެންނެވެ.
މިޖަލްސާގައި މުއިއްޒު ވިދާޅުވީ ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ދޫކުރަން ވާނީ މީހުން ދެއްކޭ ވަރުގެ އަތްފޯރާ ވަރުގެ އަގެއްގައި ކަމަށެވެ. އެހެންކަމުން ފްލެޓެއް ފައިސާ ދެއްކުމަށް ދަތިވެ މަޖުބޫރު ކަމެއް އޮވެގެން ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މުއިއްޒުގެ ވާހަކަފުޅަށް ރައްދުދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އަރަބިއްޔާ އަދި ގާކޮށި ބިމުގައި ހުރި ފްލެޓްތައް މިހާރު ކުއްޔަށް ދީފައިވާ އަގުގައި އެތަންތަން ކުއްޔަށް ދިނީ މިދިޔަ ވެރިކަމުގައި މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ކަމަށެވެ.
އަކްރަމް ވިދާޅުވީ އެ ފްލެޓްތަކަށް މީހުން ވަދެފައިވަނީ ބޮޑު އިންޓްރަސްޓްގައި މަޖުބޫރު ހާލަތުގައި ލޯން ނަގައިގެން ކަމަށެވެ.
"މިފަދަ އިތުރުފުޅު ހައްދަވައިގެން ވޯޓް ހޯއްދަވަން ރައްޔިތުން ގުބޯ ހެއްދެވުމަކީ ހިތާމަ ހުރިކަމެއް. ބޮޑުއިންޓްރަސްޓްގައި ލޯން ނަގައިގެން އެތަންތަނަށް ވަނީ ބޯހިޔާވަހިކަން ލިބޭނެ އެހެން ގޮތެއް ނެތިގެން. އެފަރާތްތަކަށް މިސަރުކާރުން ލުޔެއް ހޯދައިދިނީ،" އަކްރަމް ވިދާޅުވި އެވެ.
އަރަބިއްޔާ އަދި ގާކޮށި ބިމުގައި ހުރި ފްލެޓްތަކުގެ އަގު ރަނގަޅު ކަމަށް ވިދާޅުވެ މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ދައްކަވާފައިވާ ވާހަކަފުޅެއްގެ ވީޑިއޯ ވެސް އަކްރަމް ވަނީ ޓްވިޓާގައި ހިއްސާކުރައްވާފަ އެވެ.
އަކްރަމް ވިދާޅުވީ އެ ފްލެޓްތަކުގެ ހަރަދު ބޮޑުވީވެސް ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމަށްފަހު މުއިއްޒު ހައުސިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިމަޝްރޫއުގެ މަސައްކަތް އެތައް ދުވަހަކަށް ހުއްޓާލާފައި އޮތުމަށްފަހު ހެދި "ޑީލް"އަކަށްފަހު އަލުން އެ މަސައްކަތް ފެށިފަހުން ކަމަށެވެ.
"މީ ދެ އަނގައިގެ ވެރިއެއް،" މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަކްރަމް ވިދާޅުވި އެވެ.