ދު ނިޔޭގެ ފަސް މަންޒިލުން ދުވާލަކު ފަސް ފްލައިޓް ގަމުގެ ވައިގެ ބަނދަރަށް ގެނައުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެ ރިޔާސީ ވައުދެކެވެ.
އައްޑުއަތޮޅު ގަމުގެ ވައިގެ ބަނދަރަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ރޯޔަލް ނޭވީގެ ބޭނުމަށް 1941 ވަނަ އަހަރުގައި އިނގިރޭސީންގެ މިލިޓަރީ ބޭހެއްގެ ގޮތުގައި ބޭނުން ކުރުމަށް ތައްޔާރުކުރި ތަނެކެވެ. 1956 އިން 1976 ވަނައަހަރުގެ ނިޔަލަށް ރޯޔަލް އެއާފޯސް އިން މިބަނދަރު އިތުރަށް ތަރައްގީ ކުރި އެވެ. އަދި 1976 ވަނައަހަރު އިނގިރޭސިން ގަމުން ފޭބީ ދިވެހި ސަރުކާރާ ގަން ހަވާލު ކުރުމަށް ފަހުގަ އެވެ.
އޭރު ގަމުގައި އޮތް 2،650 މީޓަރު ދިގު ރަންވޭ އަކީ އެތަނުގައި ހުރި ވަސީލަތްތަކާއެކު އައިކާއޯގެ ކޯޑް 4-D ގެ ރަންވޭ އެކެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޕްރައިވެޓައިޒޭޝަން ޕޮލިސީގެ ދަށުން 2009 ވަނަ އަހަރު ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (ޖީއޭސީއެލް)ގެ ނަމުގައި ޕަބްލިކް އެންޓަރޕްރައިޒަސް ކުންފުންޏެއް އުފެއްދެވި އެވެ. ޓޫރިޒަމާއި އިގްތިސާދީ ހަރަކާތް ދެކުނުގެ ސަރަހައްދުގައި ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ގަމުގެ ވައިގެ ބަނދަރު ތަރައްގީކޮށް ހިންގުމަށް 2012 ވަނަ އަހަރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ (އޭއައިއޭ)ގެ ނަމުގައި ވެސް ކުންފުންޏެއް އުފެއްދެވި އެވެ. އައު މެނޭޖްމަންޓް ކުންފުނީގެ ހިއްސާދާރުންނަކީ 30 އިންސައްތަ ހިއްސާ ހިމެނޭހެން ކާސާ ހޯލްޑިން އާއި 70 އިންސައްތަ ހިމެނޭހެން ދިވެހި ސަރުކާރެވެ.
އޭއައިއޭ އިން އެއާޕޯޓާ ހަވާލުވުން
އޭއައިއޭގެ މެނޭޖްމަންޓްގައި ބައިނަލްއަގްވާމީ ދަތުރުތަކާއި، ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރުވުމަށް ބޮޑެތި މަޝްރޫއުތައް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމުގެ ޕްލޭނެއް ފެށި އެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނޭ ރަންވޭ ބޮޑު ކުރުމަށް، ބިން ހިއްކައި ހިލަ ޖެއްސުމުގެ މަސައްކަތް ޔޫއޭއީގެ ގަލްފް ކޮބްލާ އާއި ހަވާލު ކޮށްގެން 14 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއް 2013 ވަނަ އަހަރުގައި ސަރުކާރުން ހިންގެވި އެވެ.
ދެވަނަ ފިޔަވަހީގައި ރަންވޭ 3،600 މީޓަރަށް ދިގުކޮށް 60 މީޓަރަށް ފުޅާކޮށް، ރީސާފޭސް ކުރުމަށް 20 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއް، ޑެންމާކްގެ ހޯގާޑް ކުންފުންޏާއި ހަވާލުކޮށްގެން 2014 ވަނަ އަހަރު ކުރިއަށް ގެންދެވުނެވެ.
ތިންވަނަ ފިޔަވަހީގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ޓާމިނަލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި އައު ކޮންޓްރޯލް ޓަވަރާއި ފަޔާ ސްޓޭޝަން ތަރައްގީކޮށް ގްރައުންޑް ސަޕޯޓް އިކުވިޕްމަންޓްތައް ހޯދުމެވެ.
ޖީއައިއޭ ތަރައްގީކުރަން ވިސްނާފައިވާ ގޮތް
ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ)ގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު އަވަސް އަށް ވިދާޅުވީ މިހާރުވެސް އެތެރޭގެ އުދުހުން ތަކަށާއި ބައިނަލް އަގްވާމީ އުދުހުންތަކަށް ބޭނުން ކުރަމުން އަންނަ ޖީއައިއޭ އަކީ ކޯޑް-އީ މަރުކާގެ ބޯޓްތަކަށް ހިދުމަތްދެވޭ ފެންވަރުގެ އެއާޕޯޓެއް ކަމަށެވެ. އެހެން ނަމަވެސް އިތުރަށް ބޭނުންވާ ގިނަ ކަންތައްތައް އެބަހުރިކަން ގަބޫލު ކުރައްވާ ކަމަށާއި ތަރައްގީ އަކީ އޭގެ ޒާތުގައި އަބަދުވެސް އަންނާނެ އެއްޗެއް ކަމަށްވެސް ގަބޫލުކުރައްވާ ކަމަށެވެ. މިވަގުތައް ބަލާއިރު ގްރައުންޑް ސާވިސް އިކުވިޕްމަންޓްގެ ބޮޑުބައިވަނީ ހަމަ ކުރެވިފަ އެވެ. ސީޕްލޭން ޓާމިނަލް ހުރީ ނިމިފަ އެވެ. ދެންހުރި އެންމެ ބޮޑު ގޮންޖެހުމަކީ ޓާމިނަލްގެ ޖާގައިގެ ދަތިކަމެވެ.
"ކުރިއަށް ދެން އޮތީ އެއާޕޯޓް ރީޑިވެލޮޕްމަންޓް ޕްރޮކެޖްޓެއް. މި ޕްރޮޖެކްޓް ކުރިއަށް ގެންދާއިރު ޓާމިނަލް އަލުން ތަރައްގީކުރުމަށް އެ އިމާރާތައް ފަންގިފިލާއެއް އިތުރުކޮށް ޖާގަ ތަނަވަސް ކުރެވޭނެ. އެއިރުން ގަޑިއަކު 1،000 ފަސިންޖަރުންނަށް [އެއީ އިންޓަނޭޝަނަލް އެރައިވަލްސް 350، ޑޮމެސްޓިކް އެރައިވަލް 150، ޑިޕާޗާ 350 އަދި ޑޮމެސްޓިކް ޑިޕާޗާ 150] ފަސޭހަކަމާއެކު ހިދުމަތް ދެވޭނެ،" ގައިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މިހާރު އޮތީ އެއްފަހަރާ 300 ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރުގެ ޖާގައެއް ކަމަށެވެ. އެވަރުގެ ކުޑަ ތަނެއްގައި ވައިޑް ބޮޑީޑް ބޯޓް ފަހަރަށް ހިދުމަތް ދިނުމަކީ އުނދަގޫ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
"މީގެ އިތުރުން ޒަމާންވެފައިވާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރު އަލުން ބިނާކޮށް، ފަޔާ ސްޓޭޝަންވެސް އައުކުރެވޭނެ. އެއާޕޯޓަށް އައިސްގޮސްވާން އޮންނަ މަގަކީވެސް މުހިންމު ތަނަކަށްވާތީ، އިތުރު މަގުތައްވެސް ހެދިގެން ދާނެ. ހަތަރު ފުރޮޅުގެ 120 ވެހިކަލްގެ ޕާކިން ޖާގަ އާއި، ޕަބްލިކް ބަސް ޓާމިނަލެއްވެސް ގާއިމު ކުރެވޭނެ. އަދި ގަމުގެ ބަނދަރު ދެގުނައަށް ބޮޑުކޮށް ކާގޯ ޓާމިނަލެއްވެސް ތަރައްގީ ކުރެވޭނެ. މި މަޝްރޫއަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެގްޒިމް ބޭންކުން ފަންޑް ހަމަޖެހިގެން 17 މިލިއަން ޔޫއެސް ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ޕްރޮޖެކްޓެއް" އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއާ ގުޅޭގޮތުން ގައިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭނުންވަނީ މާއަގުބޮޑު ފެންސީ ތަނެއް ހެދުމެއް ނޫނެވެ. އެކަމަކު އަމާޒަކީ ކުޑަ ހަރަދަކުން ކުރު މުއްދަތެއްގެ ތެރޭގައި ބޭނުންވާ ފެންވަރަށް ހުރިހާ މަސައްކަތެއް ނިންމާ އަވަސް ނަތީޖާ އެއް ނެރުން ކަމަށެވެ. މިހާރު އައު ޕެސެންޖާ ޓަމިނަލާއި އެތަނުގައި ހިމެނޭ ދެންހުރި ބައިތަކުގެ ކޮންސެޕްޓް ޑިޒައިން މަރުހަލާ ވަނީ ނިންމާފަ އެވެ. މިޕްރޮޖެކްޓްގެ ޑީޓެއިލް ރިޕޯޓް ތައްޔާރު ކޮށްފައިވަނީ އެއާޕޯޓްސް އޮތޯރިޓީ އިންޑިއާ (އޭއޭއައި) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެންނެވެ. އަދި މިރިޕޯޓް ތައްޔާރުކުރުމުގައި އޭއައިއޭގެ ލަފާ އާއި އިރުޝާދާއި މަޝްވަރާ އަދި ހިއްސާވުން ވަރަށް ބޮޑަށް ވަނީ ދީފަ އެވެ. ޕްރޮޖެކްޓްގެ ޓެންޑަރިން ކުރިއަށް ދާއިރު ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންޓްވެސް މިހާރު ވަނީ ކަނޑައަޅާފަ އެވެ.
މަސައްކަތް ދިގުލުން
އެއާޕޯޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދިގުލައިގެން ގޮސްފައިވާ ކަމަށް ގައިސް ވެސް ގަބޫލުކުރައްވަ އެވެ. ނަމަވެސް އެކަން އެގޮތަށް ދިމާވުމުގައި ހުރި މަގުބޫލު އުޒުރުތަކާއި މުއްދަތު ނަގަން ޖެހުނު ސަބަބު ގައިސް ވަނީ ވިދާޅުވެ ދެއްވާފަ އެވެ. އެގޮތުން ގައިސް ވިދާޅުވީ އިންޑިއަން އެގްޒިމް ބޭންކްގެ ލޯނު އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއަކީ ލޯން ހަމަޖެހުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް ކަމުގެ ބާވަތުން ފަންނީ ގިނަ މަސައްކަތްތަކަކާއި އެހާމެ ގިނަ މަޝްވަރާތަކެއް ކުރަން ޖެހުނު މަޝްރޫއެއް ކަމަށެވެ. އަދި ކޮވިޑް-19ގެ ނުރައްކާތެރި ހާލަތު ދިމާވުމުގެ ސަބަބުން ބޭނުންވާ އަވަސްމިނުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ކުރިމަތިވި ކަންވެސް ފާހަގަކުރެއްވި އެވެ.
"ކަންމިހެން ހުރުމުން، މިބާވަތުގެ ކަމަކަށް ބަލާއިރު ވަގުތު ބޭކާރު ވެފައިވާ ކަމަށް ގަބޫލެއް ނުކުރެވޭ،" ގައިސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިކަމުގައި ސަރުކާރުގެ ސިޔާސަތު ވަރަށް ސާފު ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ އޭއައިއޭގެ އަމާޒާއި އެއްގޮތަށް ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމެވެ. ދެކުނުގެ މައިދޮރޯށި އޭގެ އެންމެ ފުޅާމިނުގައި ހުޅުވި، ސަރަހައްދުގެ އިގްތިސާދާއި ގައުމީ އުފެއްދުން ތެރިކަން އިތުރު ހަރުފަތަކަށް ގެނައުމެވެ. އެއާޕޯޓް މަޝްރޫއު ކާމިޔާބު ކުރުމަށްޓަކައި ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ބޭނުންވާ އެއްބާރުލުން ލިބޭ ކަމުގައިވެސް ވިދާޅުވި އެވެ.
މިވަގުތު 250 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އޭއައިއޭ އަކީ ގެއްލުމުގައި ހިންގަމުން އަންނަ އެއާޕޯޓެކެވެ. މީގެ ސަބަބުތައްވެސް ގިނަ އެވެ. އެހެންނަމަވެސް ބީލަން މަރުހަލާގައި މިހާރު ކުރިއަށްދާ މަޝްރޫއު ނިމުމުން، އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހުންނަންޖެހޭ ހުރިހާ ސިފައެއް މި އެއާޕޯޓްގައި ފުރިހަމަވެގެންދާނެ އެވެ. އަދި A-380 މަރުކާގެ ބޯޓްތައް ފިޔަވައި އިންޑަސްޓްރީގައި ބޭނުންކުރާ ހުރިހާ ސައިޒެއްގެ ޕެސެންޖާ ފްލައިޓްތަކަށް ހިދުމަތް ދިނުމުގެ ގާބިލްކަން މިތަނަށް ލިބިގެންދާނެ އެވެ.
"އޭއައިއޭގެ މާލީ ހާލަތު ރަގަޅު ކުރުމަށް، ނޮން އެއިރޮނޯޓިކަލް ރެވެނިއު އުފެއްދޭނެ ގިނަ ވިސްނުންތަކެއް ކުރިއަށް ރޭވިފައި އެބަހުރި،" އެއާޕޯޓުން އާމްދަނީ ހޯދުމާ ގުޅޭގޮތުން ގައިސް ވިދާޅުވި އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރި ކުންފުނިތައް ޝޯޓްލިސްޓްކޮށް ހަތް ކުންފުންޏަކަށް މިހާރު ވަނީ ބީލަން ހުށަހެޅުމަށް ދައުވަތު ދީފަ އެވެ. މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއަކަށްވާތީ މަޝްރޫއުގެ ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރީ އިންޑިއާ ސަރުކާރުންނެވެ. މި މަޝްރޫއުގެ ނިމުމުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރެވިގެންދާނެ އެވެ.
އޭއައިއޭ ތަރައްގީ ކުރެވި ޒަމާނީ ފެންވަރުގެ ހިދުމަތްތަކެއް އެ އެއާޕޯޓުން ލިބޭތަން ފެނުމަކީ ޒަމާނުއްސުރެ އައްޑޫގެ ރައްޔިތުން ދެކެމުންދާ "ކުލަ ނުވި" ހުވަފެނެކެވެ. މިފަހަރު މިމަސައްކަތަށް ވެގެންދާ ގޮތެއް ބަލަންވެސް އައްޑޫ ރައްޔިތުން އިންތިޒާރުގައި އެބަތިއްބެވެ.
ލިޔުނީ: އިބްރާހިމް ޒާދީ