އައްޑޫ ސިޓީ ތަރައްގީކުރާނީ ރާއްޖޭގެ ދެކުނުގެ އިގްތިސާދީ މައި ހަބަކަށް ވެގެންދާ ގޮތަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިއަދު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މިސަރުކާރުން އައްޑޫ ސިޓީ ތަރައްގީކުރަނީ ވަރަށް މުހިއްމު ކަމެއް ދީގެން ބިޔަ އެތައް މަޝްރޫއުތަކެއް ހިމަނައިގެން ކަމަށެވެ. މިގޮތުން އެންމެ ބޮޑު އަހައްމިޔަތު ކަމެއް ދެނީ އައްޑޫ ސިޓީއަށް ބޭނުންވާ އެކިއެކި އުމުރާނީ ތަރައްގީ ގެނައުމަށް ކަމުގައި ވިދާޅުވި އެވެ.
"އައްޑޫ ސިޓީ އަކީ ރާއްޖޭގެ ދެކުނުގައި އޮތް އެންމެ ވަރުގަދަ އިގްތިސާދީ ހަބަށް ހެދުމަށް ބޭނުންވާ އެތައް ބައިވަރު ޕްރޮޖެކްޓްތަކެއް ކުރިއަށް އެބަގެންދޭ. މީގެތެރޭގައި މަގުތައް ހެދުމާއި، ބިން ހިއްކުމާއި އަދި މިއަދު ފެށިގެން މިދާ ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ ވަކިން ހާއްސަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ޕްރޮޖެކްޓެއް،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުން އައްޑޫ ސިޓީގެ ޓޫރިޒަމަށް އޮތް ހުވަފެން ކާމިޔާބުވުމަށް އެ އެޅިގެން ދަނީ ވަރަށް މުހިއްމު ފާލަމެއް ކަމަށެވެ. އެއާޕޯޓް މަޝްރޫއާ އެކު އައްޑޫގައި ޓޫރިޒަމް ކުރިއަރުވާ ތަރައްގީކުރުމަށް އެތައް މަސައްކަތްތަކެއްވެސް ސަރުކާރުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"މީގެތެރޭގައި ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމާ އަދި އައްޑޫ ސިޓީގެ ގަސްޓް ހައުސް ޕްރޮޖެކްޓެއްވެސް އެބަކުރިއަށް ގެންދެވޭ،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ އޭގެ ޒާތުގައި ހަމައެެކަނި ދަތުރުފަތުރުގެ ބޭނުމަށް ހަދާ ތަނެއްގެ ބަދަލުގައި އެ އެއާޕޯޓް ހަދަނީ އެއާޕޯޓާ އެކު އައްޑޫގައި އިގްތިސާދީ އެތައް ކަމަކަށް މަގުފަހިވާ ގޮތަށް ކަމަށެވެ.
"މީގެތެރޭގައި އަޅުގަނޑު ކުރިން ފާހަގަކުރި ފަދައިން ޓޫރިޒަމަށް އެންމެ ބޮޑު ފައިދާއެއް މީގެއިން ކުރާނެ. އެހެންނަމަވެސް މީގެއިތުރުން އެހެނިހެން އެކިއެކި ސިނާއަތްތަކަށް ކުރިއެރުންތަކެއް އެބަ ލިބޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން މަސްވެރިކަމުގެ ދާއިރާ އިން ވެސް ވަރަށް ގިނަ ދޮރުތައް ހުޅުވިގެންދާނެ ކަމަށެވެ.
"އަޅުގަނޑުގެ އުއްމީދަކީ އަޅުގަނޑުމެން ޕްލޭންކޮށްފައިވާ ގޮތަށް އަވަސް ގޮތެއްގައި މިކަންތައްތައް ކުރިއަށް ގޮސް އައްޑޫގެ ރައްޔިތުންނަށް ބޭނުންވާ އެ ތަރައްގީ ވީހާވެސް އަވަހަށް ލިބިގެން ދިއުން،" ފައްޔާޒު ވިދާޅުވި އެވެ.