އައްޑޫ ސިޓީ އަކީ ރާއްޖޭގެ ފުރަތަމަ އިގްތިސާދީ މަރުކަޒަށް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ ރިސޯޓް ލައިފަށް 15 އަހަރުން ފުރުން ފާހަގަކުރުމަށްޓަކައި ހޮޓެލް ޖެންގައި ރޭ ބެއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ލާމަރުކަޒު ކުރުމަކީ މި މަސަރުކާރުން އެންމެ އިސްކަންދީގެން ކުރަމުންދާ މަސައްކަތް ކަމަށެވެ.
ލާމަރުކަޒު ކުރުމުގެ މަސައްކަތާ އެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ހާއްސަ އިގްތިސޯދީ ސަރަހައްދުތަކެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެފަދަ ފުރަތަމަ މަރުކަޒަކަށް ނުވަތަ ހަބަކަށް ވެގެންދާނީ އައްޑޫ ސިޓީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ ތަރައްގީކުރުމަށްޓަކައި ގިނަ މަސައްކަތް މިހާރުވެސް ފެށިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމާއި އ ފެނާއި ނަރުދަމާ ރަނގަޅު ކުރުމާއި ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"މާލެއަށް ބަރޯސާވުން ކުޑަކޮށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ އިގްތިސާދީ ނާރެހަކާ ދިމާލަށް ދެވޭ ގޮތަކަށް،" ފައްޔާޒު ވިދާޅުވި އެވެ.
ކޮވިޑް 19އާއި ގުޅިގެން އައްޑޫގައި ހިންގަމުން ދިޔަ ރިސޯޓުތައް ބަންދުކޮށްފައިވާތީ އައްޑޫގެ އިގްތިސާދަށް ގެއްލުންތަކެއް ލިބެމުންދާ ކަމަށްވެސް މިނިސްޓަރު ފައްޔާރު ގަބޫލުކުރެއްވި އެވެ. އެކަމަކު އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވި އެެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ދިވެހި ކުންފުނިތަކުގައި ގާބިލް މުވައްޒަފުން މިއަދު އެބަތިބި ކަމަށެވެ. އަދި ރާއްޖޭގައި ބޭރުގައި ވިޔަފާރި ފުޅާކުރެވޭނެ ދިވެހި ކުންފުނިތައް ވެސް މިއަދު އެބަހުރި ކަމަށާއި އުއްމީދަކީ އެފަދަ ކުންފުނިތަކުން ރާއްޖެއިން ބޭރަށް ވިޔަފާރި ފުޅާކުުރުން ކަމަށެވެ. އެކަމުގައި ކުންފުނިތަކަށް ސަރުކާރުން އެހީވާނެ ކަމުގައިވެސް ވިދާޅުވި އެވެ.