ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންވާ ގޮތަކަށް ނަން ބަދަލުކޮށްގެން ނަމަވެސް އައްޑޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މުހިއްމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމަށްވާވާ ހަންކެޑެ ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އަވަހަށް ފަށއިދިނުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެދިވަޑައިގެންފި އެވެ.
ފައްޔާޒު މިކަމަށް އެދިވަޑައިގަތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫގެ އެކި ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ އެކު މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ނިމިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒު ވިދާޅުވީ ހަންކެޑެ މަޝްރޫއު ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ނިމިދިޔަ ސަރުކާރުގައި ވާނީ ހަމަޖައްސާފައި ކަމަށެވެ. ނަމަވެސް މިސަރުކާރުން އެ މަޝްރޫއު ފެށުން ލަސްކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
"145 މިލިއަން ޑޮލަރުގެ ހަންކެޑައިގެ ޕްރޮޖެކްޓުގައި އަޅުގަނޑުމެން އޮންނާނީ ސޮއިކޮށްފައި. ފައިނޭންސް ހޯދައި ހުރިހާ ކަމެއް ނިންމާފައި" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ވަނީ އައްޑޫގެ ތަރައްގީއަށް 500 މިލިއަނެއްހާ ރުފިޔާ އިންވެސްޓްކޮށްފައި ކަމަށެވެ. މިއިވެންސްޓްމަންޓް ތަކުގެ ތެރޭގައިވެސް ހަންކެޑެ މަޝްރޫއަކީ މުހިއްމު މަޝްރޫއެއް ކަމުގައި ވިދާޅުވި އެވެ.
ގާތްގަނޑަށް އެނދުގެ ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިމިދިޔަ ސަރުކާރުން ވަނީ ޗައިނާ މާޗަންޓް ބޭންކާ އެއްކޮށް އެގްރީމަންޓެއްގައި ސޮއިވެސް ކޮށްފަ އެވެ. ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓް ތަރައްގީކުރަން ހަވާލުކުރީ ޗައިނާގެ، ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏަށެވެ.
ފައްޔާޒު ވިދާޅުވީ ހަންކެޑެ މަޝްރޫއުގެ އިތުރުން އައްޑޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށްޓަކައި ނިމިދިޔަ ސަރުކާރުން ވާނީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ފަށައި އެ މަޝްރޫއުގެ ތެރެއިން ރިސޯޓް ހެދުމަށް ހާއްސަކޮށްގެން ފަސް ރަށްވެސް ހިއްކާފައި ކަމަށެވެ. މީގެއިތުރުން އައްޑޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށްޓަކައި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުވެސް ފަށާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ނިމިދިޔަ ސަރުކާރުން އައްޑޫގައި ފަށާފައި ހުރި މަޝްރޫއުތައް ބާރަށް ކުރިއަށް ގެންގޮސް ނިންމާލުމުން އައްޑޫގެ ތަރައްގީ ހާއްސަކޮށް ފަތުރުވެރިކަން އަތުނުޖެހޭ ވަރަށް ކުރިއަރައިގެން ދާނެ ކަމަށެވެ.