އަލީ ނިޒާރު

ފައްޔާޒަށް ވުރެ މޮޅު ހިންގުންތެރިއަކު ނުލިބޭނެ: އައްޑޫ މޭޔަރު

އެމްޑީޕީގެ ޗެއާޕާސަން ކަަމަށް ގެނައުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަށް ވުރެ ރަނގަޅު ދެވަނަ ބޭފުޅަކު ނެތް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި މިރޭ އޮތް ފައްޔާޒްގެ ކެމްޕެއިން ބައްދަލްވުމުގައި ނިޒާރު ވިދާޅުވީ ފައްޔާޒެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާ ފެނިވަޑައިގަތީ ހިންގުންތެރި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އެއީ ބަސް ބުނަން ޖެހޭ ކޮންމެ ވަގުތަކު ކެރިގެން ބަސް ބުނާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ތައުލީމާއި ހިންގުންތެރި ކަމުންވެސް ފައްޔާޒް ކުރި ހޯއްދަވާ ކަމަށެވެ. އެމްޑީޕީ ހިންގުމަށް އެއަށްވުރެ ރަނގަޅު ދެވަނަ ބޭފުޅަކު ނެތް ކަމަށްވެސް ވިދާޅުވިއެވެ.

"ފައްޔާޒް އިސްމާއީލްއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. ފައްޔާޒް އިސްމާއީލް އަކީ ބުނަން ޖެހޭ ބަހެއް ކެރިގެން ކޮންމެ ތާކުވެސް ބުނުމުގެ ގާބިލްކަން ހުރި ބޭފުޅެއް. އެ ވާހަކަތައް ދައްކަވަމުން ދިޔަ ބޭފުޅެއް. ގާބިލްކަން ހުރި މީހެއް. ތައުލީމާއި ކުޅަދާނަން ހުރި މީހެއް. ގާބިލްކަމާއި ހީވާގިކަން ހުރި މީހެއް. ޕާޓީ ހިންގުމަކަށް އަޅުގަނޑަކަށް ހީއެއް ނުވޭ ވިސްނުންތަކާއެއްކޮށް މިއަށްވުރެ ވަކީން މޮޅު އެހެން ބޭފުޅަކަށް މި ޕާޓީން ލިބޭނެ ހެން،" އައްޑޫ ބަހުން ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި އައްޑޫ ރައްޔިތުންގެ މަސްލަހަތު އޮތީ ފައްޔާޒާ ގުޅިފައި ކަމަށެވެ. ސަރުކާރުން އެ ސިޓީގައި ހިންގާ ތަރައްގީގެ ބޮޑެތި ޕްރޮޖެކްތައް އެ ސިޓީއަށް ގެނައުމުގައި ފައްޔާޒްގެ ދައުުރު ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ. ނިޒާރު ވަނީ އައްޑޫގެ އެމްޑީޕީ ހުރިހާ ރައްޔިތުންްގެ ވޯޓް ފައްޔާޒަށް ދިނުމަށް އެދިވަޑައިގެންފައެވެ.