ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)

އައްޑޫގައި ގާމެންޓް ފެކްޓަރީއެއް އަޅަން ބިން ހޯދަނީ

އައްޑޫގައި ގާމެންޓް ފެކްޓަރީއެއް -- ފުޅާކޮށް ފެހުމުގެ މަސައްކަތް ކުރާ ތަނެއް ގާއިމުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ފެކްޓަރީ އެޅުމަށް ބިމެއް ހަމަޖެއްސުމަށްޓަކައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ވަނީ އައްޑޫ ސިޓީ ކައުންސިލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ބީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހް އާދަމް އެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އެވެ

ބީސީސީ އިން މައުލޫމާތު ދޭ ގޮތުގައި އައްޑޫގައި ގާމެންޓް ފެކްޓަރީއެއް އަޅަނީ ރާއްޖޭގައި ކުރެވިދާނެ މަސައްކަތްތައް ކޮށްގެން އިގްތިސާދު ވަރުގަދަ ކުރުމަށާއި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ރާއްޖެއަށް އެތެރެކުރާ މުދާ މަދުކުރުމުގެ ބޭނުމުގައެވެ.

އައްޑޫގައި އަޅަން ނިންމާފައިވާ ގާމެންޓް ފެކްޓަރީއާ އެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމުގެ ޔަގީންކަންވެސް ބީސީސީ އިން ދެ އެވެ.

އައްޑޫ އަކީ ކުރިންވެސް ވަރުގަދަ ގާމެންޓް ފެކްޓަރީއެއް ހިންގި ތަނެކެވެ. ނަމަވެސް ސަރުކާރުތަކުގެ އެހީތެރިކަމެއް ނުލިބި އެތައް ހުއްޓިގެން ދިޔައީ އެވެ.