އައްޑޫ، ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރަން ހިންގާ މަޝްރޫއުގެ ކޮންސަލްޓެންސީގެ މަސައްކަތް ފަށައިފި އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގަ އެވެ. އެ މަޝްރޫއުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ އެއާޕޯޓްސްގެ އޮތޯރިޓީ އޮފް އިންޑިއާގެ ޓީމެއް އިއްޔެ ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ގޮސްފަ އެވެ.
ގަން އެއާޕޯޓް އިތުރަށް ތަރައްްގީ ކުރުމުގެ ގޮތުން އާ ޑޮމެސްޓީކް ޓާމިނަލަކާއި ކޮންޓްރޯލް ޓަވަަރަކާއި ފަޔާ ސްޓޭޝަން އަޅާނެ އެވެ.
އަދި މިހާރު ގަން އެއާޕޯޓްގެ ޓާމިނަލް އިންޓަނޭޝަނަލް ޓާމިނަލެއްގެ ގޮތުގައި ތަރައްގީކޮށް ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓާއި ލައުންޖް ވަސީލަތްތައް ގާއިމްކުރަން ޕްލޭން ކޮށްފައި ވެއެވެ. އެއާޕޯޓަށް ދާނެ އިތުރު މަގެއް ގާއިމުކޮށް ކާގޯ ވަސީލަތްތައް ވެސް ތަރައްގީ ކުރަން އަމާޒަކަށް ހަދާފައި ވެއެވެ.
އެ މަޝްރޫއުގެ ދަށުން އެއާޕޯޓްގައި ސޯލާ ޕެނަލް ހަރުކޮށް އެއާޕޯޓަށް ބޭނުންވާ އާލާތްތައް ހޯދާނެ އެވެ. މުޅި ޕްރޮޖެކްޓާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ ގަން އެއާޕޯޓް ތަރައްގީކުރުން ކޮންމެހެން ވެސް މުހިންމުވެފައިވާ ކަމަށެވެ.
"... އެ ސަރަހައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީކޮށް ދެކުނުގެ އަތޮޅުތަކުގެ އިގްތިސާދު ފުޅާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެ އެވެ." އިކޮނޮމިކް މިނިސްޓްރީގެ ބަޔާނެއްގައި ވެއެވެ.