ގަން އިންޓަނޭޝަނަލް އެއާޕޯޓް

ގަން އެއާޕޯޓް ތަރައްގީ މަޝްރޫއުގެ ބީލަން ފަށައިފި

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއުގެ ބީލަން މަރުހަލާ މިއަދު ފަށައިފި އެވެ.

އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރެވިގެންދާނެ އެވެ.

ޑިއުޓީ ފުރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއްވެސް ގާއިމު މިމަޝްރޫއުގެ ދަށުން ގާއިމުކުރެވިގެންދާނެ އެވެ. އަދި އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާގޯ ވަސީލަތްތައް ތަރައްގީ ކުރެވިގެން ދިޔުމުގެ އިތުރުން އެއާޕޯޓުގެ މަގުތައް ތަރައްގީ ކުރެވި ޕާކިން ސަރަހައްދެއްވެސް ތަރައްގީ ކުރެވިގެންދާނެ އެވެ.

މީގެ އިތުރުންވެސް އެއާޕޯޓް ތަރައްގީ ކުރުމާ ގުޅޭ އެހެނިހެން ގިނަ ކަންތައްތަކެއް މި މަޝްރޫއުގެ ދަށުން ކުރެވިގެންދާނެ އެވެ.

ޖީއައިއޭ އަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށި ކަމުގައިވާއިރު އެ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކެޕޭސިޓީ އިތުރުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ދެކުނުގެ ތަރައްގީއަށް މުހިއްމު ކަމެއް ކަމުގައި ސަރުކާރުން ދެކެ އެވެ.

ދެކުނުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީކޮށް، ދެކުނުގައި އިގުތިސާދީ ހަބެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ މުހިއްމު ދައުރެއް އަދާކުރާނެ މަޝްރޫއެކެވެ. އަދި މި މަޝްރޫއުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށށްވެސް ސަރުކާރުން ދެކެ އެވެ.

ޖީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއަށް ޝަރުތު ހަމަވާ ހަތް ކުންފުންޏެއް ވަނީ ކަނޑައަޅާފަ އެވެ.

ޖީއައިއޭ ތަރައްގީކުރަން ނިންމާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލޯނަކުން ކަމަށްވާތީ މިމަޝްރޫއުގެ ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރީ އިންޑިއާ ސަރުކާރުންނެވެ.