ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓާސް ކުންފުންޏާ ހަވާލުކޮށްފި އެވެ.
މިމައުލޫމާތު ހާމަކުރައްވާފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް 80 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއަައިއޭ) ކުންފުނީގެ ޗެއާމަން އަޒާން އަހުމަދް ޒުހައިރު އެވެ.
"މީގެ ގާތްގަނޑަކަށް ދެތިން ހަފްތާއެއް ކުރިން އަޅުގަނޑުމެން މިވަނީ މިހާރު މި ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ މަސައްކަތް އިންޑިއާގެ ކޮމްޕެނީއެއް ކަމަށްވާ ރެނާޓަސްއާ ހަވާލުކޮށްފައި. އެ ކޮމްޕެނީ އަކީ ރާއްޖޭގައި މިހާރުވެސް އޮޕަރޭޓް ކުރަމުންދާ ކޮމްޕެނީއަކަށް ވާތީ ވަރަށް އަވަހަށް މިކަންތައް މޮބްލައިޒް ވެގެންދާނެ ކަމަށް އަޅުގަނޑުމެން މިބަލަނީ،" އަޒާން ވިދާޅުވި އެވެ.
ޖީއައިއޭ ތަރައްގީކުރަން ނިންމާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލޯނަކުން ކަމަށްވާތީ މިމަޝްރޫއުގެ ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރީ އިންޑިއާ ސަރުކާރުންނެވެ.
ޖީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓަސްއާ ހަވާލުކުރީ މިމަޝްރޫއަށް ޕްރީ ކޮލިފައި ކުރި ހަތް ކުންފުނީގެ ތެރެއިންނެވެ.
އަޒާން ވިދާޅުވީ ގަން އެއާޕޯޓް ތަރައްގީގެ މަޝްރޫއުގައި ހިމެނޭ އެންމެ މުހިއްމު މަސައްކަތަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރުގެ ޓާމިނަލެއް ހެދުން ކަމަށެވެ. އަދި މަޝްރޫއު ނިމޭއިރު ޕަސިންޖަރުންނަށް ހިދުމަތް ދިނުމަށް އެއާޕޯޓްގައި 18 ކައުންޓަރު ގާއިމުކުރެވިފައި ހުންނާނެ ކަމުގައި ވިދާޅުވި އެވެ. ނެރޯ އަދި ވައިޑް ބޮޑީ އާއި ޕްރޮޕެލާ އެއާކްރާފްޓް އެއްފަހަރާ އޮޕަރޭޓް ކުރެވޭނެ ގޮތަށް އެއާޕޯޓް ތަަރައްގީކުރުމަކީ އަމާޒެއް ކަމަށްވެސް ފާހަގަކުރެއްވި އެވެ.
މިމަޝްރޫއުގެ ދަށުން ޑިއުޓީ ފުރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއްވެސް ގާއިމުކުރެވިގެންދާނެ އެވެ. އަދި އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ޒަމާނީ ކާގޯ ވަސީލަތްތައް ތަރައްގީ ކުރެވިގެން ދިޔުމުގެ އިތުރުން އެއާޕޯޓުގެ މަގުތައް ތަރައްގީ ކުރެވި ޕާކިން ސަރަހައްދެއްވެސް ތަރައްގީ ކުރެވިގެންދާނެ އެވެ.
ޖީއައިއޭ އަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށި ކަމުގައިވާއިރު މި އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކެޕޭސިޓީ އިތުރުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ދެކުނުގެ ތަރައްގީއަށް މުހިއްމު ކަމެއް ކަމުގައި ސަރުކާރުން ދެކެ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ދެކުނުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީކޮށް، ދެކުނުގައި އިގުތިސާދީ ހަބެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ މުހިއްމު ދައުރެއް އަދާކުރާނެ މަޝްރޫއެކެވެ. އަދި މި މަޝްރޫއުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށށްވެސް ސަރުކާރުން ދެކެ އެވެ.
އިންޑިއާގެ އެހީތެރިކަމާ އެކު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ. އެ މަސައްކަތް ކުރަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެންނެވެ.