މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވީ20ގެ ގައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ ބުރަ ކުޑަކުރުމަށް އެއްވެސް އުސޫލެއް ނެތުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިވަމުންދާ ކަމަށާއި ސްރީލަންކާ އަކީ މިކަމުގެ ފެށުން ކަމުގައި ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމެރިކާގެ ވޮޝިންޓަންގައި އިއްޔެ ބޭއްވި ވީ20 މިނިސްޓަރީ ޑައިލޮގް "ވެން އިޒް ނައު"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ދަރަނީގެ ބުރަ ކުޑަކުރުމަށް ނިޒާމީ އުސޫލެއް ނެތުމުގެ ސަބަބުން ވީ20ގެ ގައުމުތަކުގެ އެތައް ސަތޭކަ މިލިއަން ބަޔަކު ފަގީރުކަމާއި ކޯޅުންތަކުގެ ތެރެއަށް ވެއްޓި، އެއްބަޔަކު އަނެއް ބަޔަކަށް ދަރަނިވެރިވެ ހަމަނުޖެހުމަކަށް ހިގައިދާނެ ކަމަށެވެ.
"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކޮންމެ ދުވަހަކު ލިބޭ ގެއްލުންތައް ނުލިބޭނަމަ ވީ20ގެ މެމްބަރު ގައުމުތަކުގެ މާލީ ފުދުންތެރިކަން މިހާރާއި ބަލާއިރު 20 އިންސައްތަ އިތުރުވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރަނީ ގައުމުތަކުން ލޯނު ދައްކައިގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކަށް ކަމަށެވެ.
"މުއްސަނދި ގައުމުތަކުން ކުދި އިގްތިސާދުތަކަށް ލޯނު ދީގެން ތަރައްގީގެ މަޝްރޫއުތައް ހިންގަން އެހީތެރިވެދިނަސް، މި އެޅޭ ސުކޫލުތަކާ، ހެދޭ މަގުތަކާ ހޮސްޕިޓަލުތައް ހަލާކުވެގެން ދަނީ ހަމަ އެ ބޮޑެތި ގައުމުތަކުގެ އަމަލުތަކުގެ ސަބަބުން މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް އިތުރުވެ ކާރިސާތައް ކުރިމަތިވާތީ" ނަޝީދު ފާހަގަކުރެއްވި އެވެ.
މިފަދަ ކާރިސާތަކުގެ ސަބަބުން އޮތް ދަރަންޏަށް ކޯވިޑް-19 އަށް ފަހު ގައުމުތަކުގެ އިގްތިސާދު އިތުރަށް ރަނގަޅުކުރަން އަނެއްކާވެސް ލޯން ނެގުމާ އެކު ވީ20ގެ މެމްބަރު ގައުމުތަކަށް މިހާރު ދަރަނި ބޮޑުވެ ފައިސާ ދެއްކުމަށް ދަތިވެގެން އުޅޭ މަންޒަރު ފެންނަކަމަށް ނަޝީދު ވިދާޅުވި އެވެ.
"ވީ20 ގައުމުތަކަށް ކުރިއަށް އޮތް ހަ އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ބައި ޓްރިލިއަން ދަރަނި ސާވިސް ޕޭމަންޓް ދައްކަންޖެހޭ" ނަޝީދު ވިދާޅުވި އެވެ.
މިފަދަ ކާރިސާތަކުގެ ސަބަބުން އޮތް ދަރަންޏަށް ކޯވިޑް-19 އަށް ފަހު ގައުމުތަކުގެ އިގްތިސާދު އިތުރަށް ރަނގަޅުކުރަން އަނެއްކާވެސް ލޯން ނެގުމާ އެކު ވީ20ގެ މެމްބަރު ގައުމުތަކަށް މިހާރު ދަރަނި ބޮޑުވެ ފައިސާ ދެއްކުމަށް ދަތިވެގެން އުޅޭ މަންޒަރު ފެންނަކަމަށް ނަޝީދު ވިދާޅުވި އެވެ.
"ވީ20 ގައުމުތަކަށް ކުރިއަށް އޮތް ހަ އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ބައި ޓްރިލިއަން ދަރަނި ސާވިސް ޕޭމަންޓް ދައްކަންޖެހޭ" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ދަރަނިތައް ދެއްކުމަށް ދެކޮޅު ހެދެން އެބައޮތް ކަމަށާއި އޭރުން އެންމެ ބޮޑު ގެއްލުމެއް ކުރާނީ ލޯނު ދޫކުރި މުއްސަނދި ގައުމުތަކަށް ކަމުގައެވެ. އެކަމަކު އަދިވެސް ދެފަރާތުން އެއްބާރުލުން ދީގެން މައްސަލަތައް ހައްލުކުރުމުގެ އިހްތިޔާރު އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ހާލަތުން އަރައިގަނެ ސަލާމަތްވުމަށް އަދިވެސް ވަގުތު އެބައޮތް ކަމަށެވެ. ނަމަވެސް އެކަމަށް ވީ20 ގެ މެމްބަރުން އިސްނަގަން ޖެހޭ ކަމަށެވެ. މިފަދަ ހާލަތްތަކުގައި ގައުމުތަކުގެ ފިނޭންސް މިނިސްޓަރުން އެމީހުންގެ ކްރެޑިޓް ރޭޓިންއަށް ގެއްލުމެއް ލިބިދާނެ ވާހަކައެއް ދައްކަން ފަސްޖެހޭކަން ވެސް ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.
ނަމަވެސް މި ދަތިތަކާއި ކުރިމަތިލުމުގައި ވީ20 ގައުމުތަކުން އެކީގައި މަސައްކަތް ކުރަންޖެހޭ ކަމުގައި ވިދާޅުވި އެވެ. ޕްލޭނެއްގެ ތެރެއިން ގައުމުތަކުގެ އިގްތިސާދު އިތުރަށް ކުރިއެރުވުމުގެ މަސައްކަތް ކުރެވެންޖެހޭ ކަމަށާއި ބަންގަލަދޭޝް، ސްރީލަންކާ އަދި ރާއްޖެގައި ވެސް މި މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވީ20 އަށް އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ސީއޯޕީ27 އަށް ތައްޔާރު ވެވޭނެ. މިކަމުގައި އެހީތެރިވާން އަޅުގަނޑު އަމިއްލައަށް ވެސް މިހިރީ ތައްޔާރަށް. މާލަސްވުމުގެ ކުރިން މި ކްރައިސިސް ހައްލުކުރުމަށް އަޅުގަނޑުމެން ގުޅިގެން މަސައްކަތްކުރަން އެބަޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ) ގެ ގަވަރަނަރު އަލީ ހާޝިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ވީ20 ނުވަތަ "ދި ވަލްނަރަބަލް 20" އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގެއްލުން ލިބި ނަގާފައިވާ ދަރަނިތަކުގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ގޭސްތަކުގެ އަދަދު މަދުކޮށް، ތިމާވެއްޓާ ރައްޓެހި އިގްތިސާދެއް ބިނާކުރުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ ގައުމުތަކުގެ ފިނޭންސް މިނިސްޓަރުން ހިމެނޭ ގުރޫޕެކެވެ. ވީ20 ގައި 55 ގައުމެއް ހިމެނެ އެވެ.