ޑރ. މުހައްމަދު މުއިއްޒު

ގަވަރުނަރު ކަމަށް މުނައްވަރު އައްޔަންކުރަން މަޖިލީހުގެ ލަފައަށް އެދިވަޑައިގެންފި

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަންކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމަށް އަހުމަދު މުނައްވަރު އައްޔަންކުރުމުގެ ލަފައަކަށް މަޖިލީހުގައި ރައީސް މުއިއްޒު އެދިވަޑައިގެންނެވިއިރު މަރުކަޒީ ބޭންކްގެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަނީ ވަކިކުރައްވާފަ އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފިނޭންސްގެ މަގާމަށް ރައީސް މުއިއްޒު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރައްވާފައި މިވަނީ އޭނާ އެ މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވަނިކޮށެވެ.

އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސްއަށް ލަފާ އެރުވުމަށް ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.

އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސަށް ލަފާއެރުވުމަށް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމެވެ.

ނާޒިމު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެމްއެމްއޭގެ ގާނޫނުގައި ބުނާ މައިގަނޑު މަގުސަދުތައް ހާސިލްކުރުމަށްޓަކައި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން މިދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާ ދިނުމާއި ގާނޫނުގައިވާ މަގުސަދުތައް ހާސިލްކުރުމަށްޓަކައި އަމަލީގޮތުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައި ނުވާ ކަމަށެވެ.

"އިސްވެ ދެންނެވުނު ސަބަބުތައް ފުރިހަމައަށް ރިއާޔަތްކޮށް ދިވެހި ގައުމުގެ އިގްތިސާދު ހީނަރުވެ ގައުމު ބޮޑު އިގްތިސާދީ ކާރިސާއަކުން ސަލާމަތްކުރުމަށްޓަކައި އެމްއެމްއޭ އަކީ މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭ މުއައްސަސާއަކަށް ވީހިނދު، އެމްއެމްއޭގެ އިސްވެރިޔާގެ ހައިސިއްޔަތުން ގަވަރުނަރު އެ މަސްއޫލިއްޔަތުތައް އޭގެ އެންމެ އެންމެ ފުރިހަމަ ގޮތުގަިއ އަދާކޮށްފައި ނެތް،" މައްސަލައިގައިވެ އެވެ.

މައްސަލައިގައި އިތުރަށް ބުނެފައިވަނީ މި ދަނޑިވަޅަކީ މަރުކަޒީ ބޭންކުގެ ފަރާތުން ގައުމުގެ މަނިޓަރީ ޕޮލިސީގެ މިސްރާބު ބަދަލުކުރަންޖެހޭ ނަމަ އެކަންކުރުމުގެ ވަގުތު ކަމުން މަރުކަޒީ ބޭންކު ހިންގުމަށް ތާޒާ އާރޯ ލީޑަޝިޕެއް ބޭނުންވާ ވަގުތު ކަމަށެވެ.

"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ހަވަނަ މާއްދާގެ (3)ގައިވާ ގޮތުގެ މަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ހުށަހަޅަމެވެ." މައްސަލައިގެ ލިޔުމުގައިވެ އެވެ.

މަގާމުން ވަކިކުރުމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް މާލިއްޔަތު ކޮމިޓީން އަލީ ހާޝިމަށް ދެ ފަހަރު ފުރުސަތު ދެއްވުމުންވެސް އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީއަށް ވަޑައިގަތުމަށް އަލީ ހާޝިމް ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ.

އަލީ ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 އިން 2010 އަށް ފިނޭންސް މިނިސްޓަރު ކަންވެސް ކުރައްވާފަ އެވެ. އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ ސެޕްޓެމްބަރު 8, 2019 ގައެވެ.