އަލީ ހާޝިމް

ކޮމިޓީއަށް ހާޒިރުވެވެން ނެތްކަމަށް އަލީ ހާޝިމް އަންގަވައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދަށް ތާވަލުކުރި ބައްދަލުވުމަށް ހާޒިރުވެވެން ނެތް ކަމަށް މަރުކަޒީ ބޭންކު -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް އަންގަވައިފި އެވެ.

މާލިއްޔަތު ކޮމިޓީގައި މިއަދު ހެނދުނު 11:00 އަށް ތާވަލުކުރި އެ ބައްދަލުވުމަކީ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ ފެށުމަށް ތާވަލުކުރި ބައްދަލުވުމެކެވެ.

މަޖިލީހުގެ އިދާރާއަށް އެމްއެމްއޭ އިން މިއަދު ފޮނުވި ސިޓީގައި ބުނީ އަލީ ހާޝިމް އާލަސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ކޮމިޓީއަށް ޖަވާބުދާރީ ވެވަޑައިގަތުމަށް ހާޒިރުވެވެން ނެތްކަމަށް ބުނެފައިވެ އެވެ.

ގަވަރުނަރު އަލީ ހާޝިމްއަށް ވަޑައިނުގެންނެވޭތީ ކޮމިޓީ ބައްދަލުވުން ވަނީ ކެންސަލްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެންބަރުން ވަނީ ގަވަރުނަރު އަލީ ހާޝިމް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.

މާލިއްޔަތު ކޮމިޓީއަށް ސަރުކާރު ހިންގާ ޕާޓީ -- ޕީއެންސީ އިން އަލީ ހާޝިމާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެމްއެމްއޭގެ ގާނޫނުގައި ބުނާ މައިގަނޑު މަގުސަދުތައް ހާސިލްކުރުމަށްޓަކައި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން މިދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާ ދިނުމާއި ގާނޫނުގައިވާ މަގުސަދުތައް ހާސިލްކުރުމަށްޓަކައި އަމަލީގޮތުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައި ނުވާ ކަމަށެވެ.

"އިސްވެ ދެންނެވުނު ސަބަބުތައް ފުރިހަމައަށް ރިއާޔަތްކޮށް ދިވެހި ގައުމުގެ އިގްތިސާދު ހީނަރުވެ ގައުމު ބޮޑު އިގްތިސާދީ ކާރިސާއަކުން ސަލާމަތްކުރުމަށްޓަކައި އެމްއެމްއޭ އަކީ މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭ މުއައްސަސާއަކަށް ވީހިނދު، އެމްއެމްއޭގެ އިސްވެރިޔާގެ ހައިސިއްޔަތުން ގަވަރުނަރު އެ މަސްއޫލިއްޔަތުތައް އޭގެ އެންމެ އެންމެ ފުރިހަމަ ގޮތުގަިއ އަދާކޮށްފައި ނެތް،" މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މައްސަލައިގައިވެ އެވެ.

އެހެންކަމުން ހާޝިމް މަގާމުން ވަކިކުރަން ރައީސް މުއިއްޒުއަށް ލަފާދޭން އެ ކޮމިޓީން ފާސްކުރި އެވެ.

މާލިއްޔަތު ކޮމިޓީން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ހާޝިމް މަގާމުން ވަކިކުރަން ރައީސް މުއިއްޒަށް ލަފާ ދިިނުމުގެ މައްސަލަ ދިރާސާކުރަން ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފަ އެވެ.