ރައްޔިތުންގެ މަޖިލިސް

ގަވަރުނަރު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމުގެ ތުހުމަތު

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް އޭނާގެ މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ތުހުމަތު ކުރައްވައިފި އެވެ.

މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލްގެ ބަހުސްގައި މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމު ވިދާޅުވީ ގަވަރުނަރު މަސްއޫލިއްޔަތު އަދާކުރާތަން ނުފެންނަ ކަމަށާއި ގަވަރުނަރުގެ ފަރާތުން މި ސަރުކާރަށް އެއްވެސް ލަފައެއް ލިބިފައިނުވާ ކަމަށެވެ.

"މަނިޓަރީ ޕޮލިސީއަކީ ދިވެހި ދައުލަތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކުރެވިފައި އޮތް މަސްއޫލިއްޔަތެއް. އަޅުގަނޑުމެންނަކަށް ފެންނަމުން ނުދޭ ގަވަރުނަރު އެ މަސްއޫލިއްޔަތު އަދާކުރައްވާތީއެއް. މި ސަރުކާރު ވެރިކަމާ ހަވާލުވެގެން މިއީ ހަތް މަސް ދުވަހުގެ ތެރޭގައި ގަވަރުނަރުގެ ފަރާތުން ސަރުކާރަކަށް އެއްވެސް ކަހަލަ ލަފައެއް ލިބިފައިނުވޭ،" ނާޒިމު ވިދާޅުވި އެވެ.

ބިލްގެ ބަހުސްގައި ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ ގަވަރުނަރު މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީކުރަން ޖެހޭ ކަމަށެވެ.

"ވީ އެންމެ އަވަހަކަށް ގަވަރުނަރު މި މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވަންޖެހޭ. އެއީ ގަވަރުނަރަކަށް ހުންނަވާ ބޭފުޅާ ފިނޭންސްއަށް ރައީސުލްޖުމްހޫރިއްޔާއަށް ދެއްވަންޖެހޭ ރަނގަޅު ހެޔޮ ލަފާ ދެއްވަންޖެހޭނެ. ކަމެއް ގޯސްކޮށްދާނަމަ އެކަމެއް ވަރަށް ރަނގަޅަށް ބުނުއްވަންޖެހޭނެ. އެއްގޮތަކަށްވެސް ނިގޫ ފިތިފަ ހުންނަވާނެ ކަމެއް ނެތް. އެހެންނޫނީ އަވަހަށް އިސްތިއުފާ ދެއްވަން އަޅުގަނޑު ދަންނަވާލަން،" އައްބާސް ވިދާޅުވި އެވެ.