އަލީ ހާޝިމް

އަލީ ހާޝިމް ހާޒިރުކުރަން ތާވަލުކުރި ކޮމިޓީ ބައްދަލުވުން ކެންސަލްކޮށްފި

ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް އޮޅުން ފިލުވުމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ތާވަލުކުރި ބައްދަލުވުން ކެންސަލްކޮށްފި އެވެ.

ކޮމިޓީގެ މިބައްދަލުވުން ކުރިއަށް ގެންދިއުމަށް ތާވަލުކުރީ މިއަދު ހެނދުނު 11:00 ޖަހާއިރު އެވެ.

މިބައްދަލުވުމަށް ގަވަރުނަރާ އެކު އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސައިން ވެސް އެ ބައްދަލުވުމަށް ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

މި ކޮމިޓީ ބައްދަލުވުން ކެންސަލްކުރީ ކީއްވެ ކަމެއް މަޖިލީހުން އަދި ހާމައެއް ނުކުރެ އެވެ.

އަލީ ހާޝިމް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައި މިވަނީ އޭނާ މަގާމުން ވަކިކުރުމަށް އެ ކޮމިޓީން ރައީސް ޑރ. މުއިއްޒަށް ލަފާވެސް ދީފައި ވަނިކޮށެވެ.

މާލިއްޔަތު ކޮމިޓީއަށް ސަރުކާރު ހިންގާ ޕާޓީ -- ޕީއެންސީ އިން އަލީ ހާޝިމާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެމްއެމްއޭގެ ގާނޫނުގައި ބުނާ މައިގަނޑު މަގުސަދުތައް ހާސިލްކުރުމަށްޓަކައި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން މިދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާ ދިނުމާއި ގާނޫނުގައިވާ މަގުސަދުތައް ހާސިލްކުރުމަށްޓަކައި އަމަލީގޮތުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައި ނުވާ ކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރަކަށް އަލީ ހާޝިމް އައްޔަންކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސެޕްޓެމްބަރު 8، 2019 ގައެވެ.