ރައްޔިތުންގެ މަޖިލިސް

ހާޝިމް ވަކިކުރުމުގެ މައްސަލަ ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް، މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމުގެ މައްސަލަ ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި އެވެ.

ގަވަރުނަރު ހާޝިމް މަގާމުން ވަކިކުރަން ރައީސްއަށް ލަފާ ދިނުމުގެ މައްސަލަ ފަށަން އެ މައްސަލަ ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.

ހާޝިމް މަގާމުން ވަކިކުރަން ރައީސްއަށް ލަފާ ދިނުމަށް ހުށަހެޅުމަށް ފެންނަ ކަމަށް އެ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެހެންކަމުން އެ ކޮމިޓީން ވަނީ މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފަ އެވެ.

މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ގައުމުގެ އިގުތިސާދު ހީނަރުވެ އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ގައުމުގެ އިގުތިސާދު ނިކަމެތިވެގެން ދިޔައިރު އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލުކުރެވިފައިނުވާ ކަމަށެވެ.

"އެމްއެމްއޭގެ މައިގަނޑު އެއް އަސާސް ކަމުގައިވި މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނަ ގޮތުގައި ހިނގަމުންދާތަން ފެންނަން ނެތްކަން ފާހަގަކުރަން،" މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

މާލިއްޔަތު ކޮމިޓީން ބުނީ ރާއްޖޭގައި ހިންގާ ބޭންކްތަކާއި ފައިނޭންޝިއަލް އިންސްޓިޓިއުޓްތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓައި ބޭންކްތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ބާރު އަޅުއްވާފައިވާ ކަމަށެވެ.

މިގޮތަށް އަމަލުކުރުމުން އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ އިގުތިސާދީ މަސައްކަތްތައް ހުއްޓި ގައުމުގެ އިގުތިސާދުގެ ދުވެލި މަޑުޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ކުށްކުރުން ހުއްޓުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވާއިދުތައް އަދާހަމަކޮށްފައިނުވާކަން ކަމާގުޅޭ އިދާރާތަކުން ފާހަގަކޮށްފައިވާ ކަމަށް މާލިއްޔަތު ކޮމިޓީން ބުނެފައިވެ އެވެ.

"މިނިސްޓާ އޮފް ހޯމް އެފެއާޒް އާއި ދިވެހި ފުލުހުންގެ ފަރާތުން މަޖިލީހުގެ ސަލާމަތީ ކަންކަމާބެހޭ ކޮމިޓީއާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުގައި ކުށްކުރުން ހުއްޓުވުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވާއިދުތައް އަދާހަމަކުރެވިފައިނުވާ މައްސަލަ ފާހަގަކޮށްފައިވޭ،" މާލިއްޔަތު ކޮމިޓީން ބުނެފައިވެ އެވެ.

މީގެ އިތުރުން ނޮވެމްބަރު 17، 2023 ގެ ފަހުން މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާދިނުމާއި އަދި އެ މަގުސަދުތައް ހާސިލުކުރުމަށް ހަރުދަނާ މަސައްކަތްތަކެއްކޮށްފައިނުވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ސިޓީގައި ބުނެފައިވެ އެވެ.

މާލިއްޔަތު ކޮމިޓީގެ ސިޓީ މަޖިލީހުގެ ތަޅުމުގައި އިއްވާ ނިމުމުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި މައްސަލަ ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވަން ނިންމެވިކަން އިއުލާނު ކުރައްވާފަ އެވެ.

މާލިއްޔަތު ކޮމިޓީއަށް ސަރުކާރު ހިންގާ ޕާޓީ -- ޕީއެންސީ އިން އަލީ ހާޝިމާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެމްއެމްއޭގެ ގާނޫނުގައި ބުނާ މައިގަނޑު މަގުސަދުތައް ހާސިލްކުރުމަށްޓަކައި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން މިދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާ ދިނުމާއި ގާނޫނުގައިވާ މަގުސަދުތައް ހާސިލްކުރުމަށްޓަކައި އަމަލީގޮތުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައި ނުވާ ކަމަށެވެ.

"އިސްވެ ދެންނެވުނު ސަބަބުތައް ފުރިހަމައަށް ރިއާޔަތްކޮށް ދިވެހި ގައުމުގެ އިގްތިސާދު ހީނަރުވެ ގައުމު ބޮޑު އިގްތިސާދީ ކާރިސާއަކުން ސަލާމަތްކުރުމަށްޓަކައި އެމްއެމްއޭ އަކީ މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭ މުއައްސަސާއަކަށް ވީހިނދު، އެމްއެމްއޭގެ އިސްވެރިޔާގެ ހައިސިއްޔަތުން ގަވަރުނަރު އެ މަސްއޫލިއްޔަތުތައް އޭގެ އެންމެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްފައި ނެތް،" މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މައްސަލައިގައިވެ އެވެ.

މައްސަލައިގައި ބުނެފައިވަނީ މި ދަނޑިވަޅަކީ މަރުކަޒީ ބޭންކުގެ ފަރާތުން ގައުމުގެ މަނިޓަރީ ޕޮލިސީގެ މިސްރާބު ބަދަލުކުރަންޖެހޭ ނަމަ އެކަންކުރުމުގެ ވަގުތު ކަމުން މަރުކަޒީ ބޭންކު ހިންގުމަށް ތާޒާ އާރޯ ލީޑަޝިޕެއް ބޭނުންވާ ވަގުތު ކަމަށެވެ.

"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ހަވަނަ މާއްދާގެ (3)ގައިވާ ގޮތުގެ މަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ހުށަހަޅަމެވެ." މައްސަލައިގެ ލިޔުމުގައިވެ އެވެ.

ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ލަފާ ދޭން ޕީއެންސީގެ ސާފު އަގުލަބިއްޔަތު އޮތް މަޖިލީހުން ފާސްކޮށްފައި މިވަނީ އޭނާ މަގާމުގެ ޒިންމާ ރަނގަޅަށް އަދާކުރައްވަމުން ނުގެންދަވާ ކަމަށް ޕީއެންސީއާއި އެމްޑީއޭގެ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

އެމްއެމްއޭގެ ގަވަރުނަރަކަށް އަލީ ހާޝިމް އައްޔަންކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސެޕްޓެމްބަރު 8، 2019 ގައެވެ.