މުރައިދޫ

މުރައިދޫގޭގެ މުވައްޒަފުންގެ މައުލުމާތާ ބެހޭ ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅު، މ. މުރައިދޫގޭގެ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ -- 241 ކޮމިޓީން ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲގެ ރަސްމީ ގެކޮޅުގެ މަރާމާތު ނިމުމުން ބަދަލުވެވަޑައިގަތީ ޖުލައި މަހުގެ ތެރޭގަ އެވެ.

މުރައިދޫ ގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް ހުށަހެޅީ ރާއްޖޭގެ ނޫހަކުންނެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ބުނީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރެވޭނީ 241 ކޮމިޓީން ނިންމާ ގޮތެއްގެ މައްޗަށް ކަމަށެވެ.

މައްސަލަ ދިރާސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީ ސިއްރުކުރަން އެދިވަޑައިގެންފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހެވެ. މި ހުށަހެޅުމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ ތާއިދު ކުރައްވާފަ އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް ރަސްމީ ގެކޮޅަށް ބަދަލުވެވަޑައިގަތުމަށްފަހު ވަނީ އިތުރު މުވައްޒަފުން ހޯދާފަ އެވެ. ނަމަވެސް މުވައްޒަފުންގެ ޖުމްލަ އަދަދެއް ނުވަތަ މުސާރައެއް ހާމަކޮށްފައެއް ނުވެ އެވެ.

މުރައިދޫގޭގައި އެންމެ އިސް މަގާމުގައި ހުންނަވަނީ މަޝްހޫރު ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމްވެ. އެއީ ޗީފް އޮފް ސްޓާފްގެ މަގާމެވެ. ދާދި ފަހުން ގެކޮޅުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވެސް ވަނީ އައްޔަންކުރައްވާފަ އެވެ.

މަޖިލީހުގެ ރައީސުން ދިރިއުޅެއްވުމަށް ގެކޮޅެއް ހާއްސަކުރީ 2021 ވަނަ އަހަރު އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވަނިކޮށް ބޮމުގެ ހަމަލާއެއްދީ ޒަހަމްކޮށްލުމާ ގުޅިގެން ގެނައި ބަދަލެކެވެ.