ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށްގެން ސުވާލުކުރުން ހަނިކުރަން މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިއަދު ލަފާ ދެއްވައިފި އެވެ.
މެންބަރު ފަލާހު މި ލަފާ ދެއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ވަޒީރުންނާ އިތުރު ސުވާލުކުރުމުގެ ފުރުސަތުގަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ ދެ ސުވާލެއް ކުރުން ކުރިއަށްދިޔަ އެވެ.
ވަޒީރުގެ ޖަވާބާ ގުޅިގެން އިތުރު ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ފަލާހް ވަނީ މަޖިލީހުގެ ރައީސަށް ހިޔާލެއް އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ.
"ދެން އޮތީ ރައީސަށް އަަޅުގަނޑު ހިޔާލެއް ދަންނަވައިލުން. ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދާއިރާއާ ބެހޭ ގޮތުން ސުވާލެއް ފޮނުވައިގެން، ތިން ދުވަސް ތެރޭ ޖަވާބު ނުދީފިއްޔާ ނޫނީ މަޖިލީހަށް ހާޒިރުކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ މި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރާ އިރުގައި ރަނގަޅުކަމެއް ކަންނޭނގެ އަޅުގަނޑަށް ހީވަނީ ބަލައިލަން،" ފަލާހު ވިދާޅުވި އެވެ.
މެންބަރު ފަލާހުގެ އެ ވާހަކައަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.
ވަޒީރުގެ ޖަވާބާއި ގުޅިގެން އިތުރު ސުވާލުކުރުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން ފަލާހު ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ބަނގުރޫޓް ކޮށްލީ އެމްޑީޕީ އިން ތޯ ވަޒީރާ ސުވާލުކުރައްވާފަ އެވެ.
މީގެ އިތުރުން ކުދިކުދި މަޝްރޫއުތަކާއި އެމްޑީޕީގެ ސަރުކާރުގައި ހުއްޓާލާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް ވަޒީރު މަޖިލީހަށް ހާޒިރުކުރައްވަނީ ކީއްކުރަންތޯ ފަލާހު ވަނީ އެމްޑީޕީއާ ސުވާލުކުރައްވާފަ އެވެ.