މެންބަރު އިބްރާހީމް ފަލާހް

ކުރީގެ ވެރިންގެ އިނާޔަތް ކަނޑާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

ކުރީގެ ވެރިންނަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތަކަށް ބަދަލު ގެންނަން ޖެހިދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދެއްވައިފި އެވެ.

ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވަނީ ދައުލަތުން ހަރަދު ކުޑަކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ފަލާހު ވިދާޅުވީ ކުރީގެ ވެރިންގެ އިނާޔަތަށް ދައުލަތުގެ ބަޖެޓުން މިހާރުވެސް ކޮންމެ ބޭފުޅަކަށް އަހަރަކު ފަސް މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށެވެ. އަދި ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށް ފަލާހު ވިދާޅުވީ ރާއްޖެއިން ބޭރުގައި ވަޒީފާއެއްގައި މިހާރުވެސް އެމަނިކުފާނު ހުންނެވީ އެގޮތަށް ދޭ އިނާޔަތުގެ އެހީއާ އެކު ކަމަށެވެ.

"މިއިން ކޮންމެ ބޭފުޅަަކަށް ދައުލަތުގެ ބަޖެޓުން އެބަ ހަރަދު ކުރޭ ގާތްގަނޑަކަށް އަހަރަކު ހަތަރު، ފަސް މިލިއަން ރުފިޔާ،" ފަލާހު ވިދާޅުވި އެވެ.

ފަލާހް ވިދާޅުވީ ސަރުކާރުން ހަރަދު ކުޑަކުރަން ވާހަކަދައްކަވާއިރު ދައުލަތުގެ ބަޖެޓުން އެބޭފުޅުންނަށް ކުރާ ހަރަދުވެސް ކުޑަކުރަންޖެހޭ ކަމަށެވެ. އަދި މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީގެ ބާރު ބޭނުންކޮށްގެން އެ ބަދަލު ގެނެވިދާނެ ކަމަށް ވިދާޅުވެ އިންޒާރުވެސް ދެއްވި އެވެ.

ފަލާހު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގެ ތާރީހުގައި އެންމެ ނުބައި ގޮތްގޮތަށް ވެރިކަން ކުރި ރައީސް ކަމަށެވެ. ޔާމީންގެ ވެރިކަމުގައި މުލިއާގޭގައި ވަޅުދިޔަ ހިއްކާ ޕެނަޑޯލް ބަންދު ކުރަން ޖެއްސުވި ކަމަށްވެސް ވިދާޅުވި އެވެ.